އަންނަ އަހަރު ބްރެޒިލްގައި ބާއްވާ ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ވާނީ، ކޮލަމްބިއާގެ ތަރި ރަޑަމެލް ފަލްކާއޯ ކަމަށް ކޮލަމްބިއާގެ ގައުމީ ކޯޗް ހޯސޭ ޕެކާމެން ބުނެފި އެވެ.

ފަހަކަށް އައިސް ކޮލަމްބިއާ އިން ހޯދަމުންދާ ކާމިޔާބީތަކުގެ ފަހަތުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދާ ކުޅުންތެރިއަކީ ފަލްކާއޯ އެވެ. ފަހަކަށް އައިސް ފުޓްބޯޅާގައި ގިނަ ޒުވާން ކުޅުންތެރިންތަކެއް އުފެދެމުންދާ ބެލްޖިއަމް އާއި ދެކޮޅަށް މިދިޔަ ހުކުރު ދުވަހު ކޮލަމްބިއާ ކުޅުނު އެކުވެރިކަމުގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ފަލްކާއޯ ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. އެމެޗު ނިމިގެންދިޔައީ 2-0 ލަނޑުން ކޮލަމްބިއާ ކުރީގައި އޮވެގެންނެވެ.

"ވޯލްޑް ކަޕްގައި އެންމެ މޮޅު ކުޅުންތެރިޔާ އަށް ފަލްކާއޯ ވާނެ. އޭނާ އަކީ މޮޅު ހުނަރުތަކެއް ހުރި ކުޅުންތެރިއެއް. އަދި އޭނާގެ ފަހަތުގައި އޭނާއަށް އެހީތެރިވުމަށް މޮޅު ޓީމެއް އެބައޮތް. އޭނާ އަކީ ވަރަށް ވިސްނުންތޫނު ކުޅުންތެރިއެއް. އަދި އެއީ މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅެތި ފޯވާޑުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް. ފަލްކާއޯ ހުރި ޓީމަކަށް ކޯޗްކޮށްދެވޭތީ އަހަރެން ފަހުރުވެރިވަން،" ކޮލަމްބިއާ ގައުމީ ޓީމްގެ ކޯޗް ޕެކާމެން ބުންޏެވެ.

ކޮލަމްބިއާ އިން ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން އެޓީމް މިވަގުތު އޮތީ ފީފާ ރޭންކިންގެ ހަތަރުވަނާގަ އެވެ. ވޯލްޑް ކަޕް ކޮލިފައިންގެ ސައުތް އެމެރިކާ ސަރަހައްދުން ދެވަނަ މަގާމުގައި އޮވެ ވޯލްޑްކަޕަށް ކޮލިފައިވެފައިވާ ކޮލަމްބިއާ ކުޅުނު ސޯޅަ މެޗުން 30 ޕޮއިންޓް ހޯދާފައި ވެއެވެ. އެއްވަނާގައި އޮވެ ވޯލްޑް ކަޕަށް ކޮލިފައިވި އާޖެންޓީނާ އަށް ލިބިފައިވަނީ 32 ޕޮއިންޓެވެ.

ނެދަލޭންޑްސް އާއި ދެކޮޅަށް މިރޭ ކޮލަމްބިއާ ކުޅޭ މެޗުން އެޓީމްގެ ހަގީގީ ފެންވަރު ފެނިގެންދާނެ ކަމުގައި ގިނަ ރިޕޯޓްތަކަކުން ބުނަމުން ދެއެވެ. މިރޭ ނެދަލޭންސް އެމްޓެޑަމް އެރީނާގައި ކުޅޭ މިމެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ 12:30 ގައެވެ.