އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމެޓީއަށް މުގައްރިރަކު ހޮވުމުގެ މައްސަލާގައި ކޮމެޓީ ހޫނުވެ މެންބަރުންގެ މެދުގައި ހަމަނުޖެހުން ހިނގުމުން ކޮމެޓީ މެދުލަނޑާލައިފި އެވެ.

މިއަދު 2:00 ގައި ފެށި ކޮމެޓީ ބައްދަލުވުމުގައި އެޖެންޑަ ކުރެވިފައި ވަނީ ބަޖެޓް ކޮމެޓީ އަށް މުގައްރިރަކު ހޮވުމެވެ. އެގޮތުން ބަޖެޓް ކޮމެޓީގެ މުގައްރިރު ކަމަށް ކުރިމަތި ލެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ މެންބަރު ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަމްޒާ އެވެ. ސަރުކާރު ހިންގާ ކޯލިޝަންގެ ފަރާތުން ކުރުމަތިލެއްވީ ދިއްގަރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބް ރައީސް އަހްމަދު ނާޒިމެވެ.

ބެޖެޓް ކޮމެޓީއަށް މުގައްރިރަކު ހޮވުމަށް ވޯޓަށް އެހުމުން ހަމްޒާ އަށް ލިބިވަޑައިގެންނެވީ 10 ވޯޓެވެ. އަދި ނާޒިމް އަށް ލިބިވަޑައިގެންނެވީ 11 ވޯޓެވެ. މުޅި ޖުމްލާ ބަޖެޓް ކޮމެޓީގައި ހިމެނެނީ 22 މެންބަރުންނެވެ. ކޮމެޓީގެ މުގައްރިރަކު ހޮވުމަށް 12 ވޯޓު ބޭނުންވާނެ އެވެ.

އިދާރީ މޭޒުން ނަތީޖާ އިއުލާން ކުރުމުން މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތަޖެއް ބަދަލު ކޮށްފައިވެއެވެ. އެގޮތުން ސަރުކާރަށް ތާއިދުކުރާ މެންބަރުންނާއި އިދިކޮޅު އެމްޑީޕީގެ މެންބަރުން އެއް މެންބަރަކު އަނެއް މެންބަރަކަށް ވަރަށް ބޭއަދަބީ ބަހުން މުޚާތަބު ކޮށްފައިވެއެވެ. އަދި އެއްމެންބަރަކު އަނެއް މެންބަރެއްގެ ގައިކޮޅަށް އަތްލާ ހިސާބަށް ދިއުމުން އިދާރީ މޭޒުން ވަނީ ކޮމެޓީ މެދުކަނޑާލާފަ އެވެ.