19 Nov 2013, 14:58
ރެއާލް މެޑްރިޑްގެ ޖަރުމަން މިޑްފީލްޑަރު ސާމީ ކެދީރާ އަށް ބޮޑު އަނިޔާއެއް ކުރިމަތިވީ ނަމަވެސް ޖެނުއަރީގައި އެތަން ފޫބެއްދުމަށް އިތުރު ކުޅުންތެރިއެއް ހޯދުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް އެކްލަބުގެ ކޯޗް ކާލޯ އެންޗެލޮޓީ ބުނެފި އެވެ.
ކެދީރާ އަށް އަނިޔާވީ މިދިޔަ ހުކުރު ދުވަހު އިޓަލީ އާއި ދެކޮޅަށް ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗެއްގެ ތެރޭގަ އެވެ. ޖަރުމަނާއި އިޓަލީ ބައްދަލުކުރި އެމެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. އެމެޗުގައި ކެދީރާ ލިގަމެންޓް އިރައިގެން ދިއުމާއި ގުޅިގެން އޭނާ އަށް ހަމަސް ދުވަސް ކުޅުމާއި ދުރުގައި ހުންނަން ޖެހުމާއެކު އަންނަ އަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވިދާނެކަމުގެ ބިރު ހީވެފައިވެއެވެ.
ކެދިރާ އަށް އަނިޔާވުމާއި ގުޅިގެން އޭގެ ބަދަލެއްގެ ގޮތުގައި ފީފާއިން 2.5 މިލިޔަން ޔޫރޯ ދޭން ނިންމާފައި ވެއެވެ. މި ނިންމުމަކީ ފީފާގެ ކްލަބް ޕްރޮޓެކްޝަން ޕްރޮގްރާމްގެ ދަށުން ގައުމު ތަމްސީލްކުރަމުންދާ މެޗުތަކުގައި ކުޅުންތެރިއަކަށް އަނިޔާވުމުންދޭ ބަދަލެކެވެ. ފީފާއިން 2.5 މިލިޔަން ޔޫރޯ ދޭން ނިންމުމުން މެޑްރިޑަށް ޖެނުއަރީ ޓްރާންސްފާގައި ކެދީރާގެ މަގާމަށް ކުޅުންތެރިއެއް ހޯދަން މަގުފަހިވީ ނަމަވެސް ޓީމްގައި އެމަގާމް ފޫބެއްދޭނެ ވަރުގެ ކުޅުންތެރިން ހުރި ކަމުގައި އެންޗެލޮޓީ ބުނެފައި ވެއެވެ.
"ކެދީރާގެ މަގާމް ފޫބެއްދުމަށްޓަކައި އަންނަ ޖެނުއަރީ ޓްރާންސްފާގައި ކުޅުންތެރިއެއް ގެނައުމުގެ ވިސްނުމެއް ނެތް. އަހަރެމެންނަށް ދެގޮތެއް އެބައޮތް. އެއްގޮތަކީ ކުޅުންތެރިއަކު ބޭނުންކުރުން އަދި އަނެއްގޮތަކީ އަހަރެމެންގެ ކުޅުން ބަދަލުކުރުން،" އެންޗެލޮޓީ ބުންޏެވެ.
ޓީމްގައި އެމަގާމަށް ކުޅެވޭނެ އެހެން ކުޅުންތެރިން ހުރި ކަމަށާއި އެކަމާއި މެދު ވިސްނާނެކަމުގައި ވެސް އެންޗެލޮޓީ ބުނެފައި ވެއެވެ. އެންޗެލޮޓީގެ ވިސްނުން ހުރީ މެދުތެރެއަށް ކަސެމިރޯ އާއި އިސްކޯ ފަދަ ކުޅުންތެރިން ލުމަށެވެ.
"އަހަރެން މިކަމާއި މެދު ވިސްނާނަން. މިވަގުތު ކަސެމިރޯ ވެސް ހުރި ވަރަށް ރަނގަޅަށް ތައްޔާރުވެފައި. ތިން މިޑްފީލްޑަރުން ހިމެނޭގޮތަށް އިސްކޯ ވެސް ވަނީ މެޗުތަކެއް ކުޅެފައި. އިސްކޯ އަށް ފަސޭހަވާނީ ފޯވާޑުންގެ ފަހަތުން އިސް ރޯލެއް އަދާކުރަން. އަހަރެންދެ މިޑްފީލްޑަރުން ލައިގެން ކުޅެވިދާނެ. އަދި އޭގެ ތެރެއިން އިސްކޯ ތަންކޮޅެއް ކުރިއަށް ވެސް ޖައްސާލައިގެން ކުޅެވިދާނެ،" އެންޗެލޮޓީ ބުންޏެވެ.
އަންނަ ހަފްތާގެ ބުދަދުވަހު މެޑްރިޑުން ޗެމްޕިއަންސް ލީގުގައި ގަލަތަސަރާއީ އާއި ދެކޮޅަށް ނުކުންނައިރު، މެދުތެރެއިން ގިނަ ބަދަލުތަކެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. މެޑްރިޑް އޮތީ ގްރޫޕް ބީގެ އެއްވަނާގައި ދިހަ ޕޮއިންޓާއެކު އެވެ.