ބަޔާން މިއުނިކްގެ ފްރާންސް ތަރި ފްރޭންކް ރިބަރީގެ ކޮއްކޮ ސްޓީވަން ރިބަރީ އެކްލަބާއެކު ފަރިތަކުރަން ފަށައިފި އެވެ.

އުމުރުން 19 އަހަރުގެ ސްޓީވަން ރިބަރީ މިވަގުތު ފަރިތަކުރަމުންދަނީ އެކްލަބުގެ 19 އަހަރުން ދަށުގެ ޒުވާން ޓީމާއެކުގަ އެވެ. ބަޔާންގެ ޒުވާން ޓީމާއެކު ރިބަރީގެ ކޮއްކޮގެ އިތުރުން ބަޔާންގެ ކުރީގެ ތަރި މެހްމެތް ޝޯލްގެ ދަރި ލޫކަސް ޝޯލް ވެސް ފަރިތަކުރަމުން ދެއެވެ.

"އެއީ ތެދެއް. ރިބަރީގެ ކޮއްކޮ އަހަރެމެންނާއެކު ފަރިތަކުރުންތަކުގައި ބައިވެރިވަމުން އެބަދޭ." ބަޔާންގެ ޔޫތް އެކަޑާމީއާއި ހަވާލުވެހުރި މައިކަލް ޓާނަޓް ބުންޏެވެ.

ރިބަރީ ބުނީ އޭނާގެ ކޮއްކޮ މިދިޔަ އޮގަސްޓް މަހުން ފެށިގެން އެކްލަބާއެކު ފަރިތަކުރަމުންދާ ކަމަށެވެ.

"ސްޓީވަން ވަނީ އޮގަސްޓް މަހުން ފެށިގެން ވަރަށް ވަރުގަދަ އަށް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައި. މިހާރު އޭނާގެ ބަރުދަން ދިހައެއް ނުވަތަ ބާރަ ކިލޯ ވަނީ ލުއިކޮށްފައި. އަހަރެން ބޭނުންވަނީ އޭނާއަކީ ކާމިޔާބު ކުޅުންތެރިއަކަށް ވުމަށް. އޭނާގެ ކިބައިގާ ފެންވަރު އެބަހުރި." ފީފާ ބެލޮންޑޭ އެވޯޑަށް ވާދަކުރާ ރިބަރީ ބުންޏެވެ.

ސްޓީވަން ރިބަރީ ވަނީ ކުރިން ލެންސްގެ 17 އަހަރުން ދަށުގެ ޓީމަށް ވެސް ކުޅެފަ އެވެ. ސަބަބުތަކަކާއި ހުރެ ލެންސްއިން ވަކިވެ ފުޓްބޯޅައިން ދުރުގައި ހުރުމަށްފަހު ސްޓީވަން ވަނީ އަލުން ފުޓްބޯޅައިގެ މައިދާނަށް ނުކުމެފަ އެވެ.