19 Nov 2013, 14:27
މިދިޔަ އަހަރު ޗެލްސީ އާއި ގުޅުމުގެ ކުރިން ސްޕެއިންގެ ރެއާލް މެޑްރިޑާ ގުޅުމާއި ވަރަށް ގާތަށް ދެވުން ކަމުގައި ޗެލްސީގެ ބްރެޒިލް މިޑްފީލްޑަރު އޮސްކާ ބުނެފި އެވެ.
ރެއާލް މެޑްރިޑާއި ހޯޒޭ މޮރީނިއޯ ހަވާލުވެ ހުރިއިރު، އޮސްކާ ހޯދުމަށް މޮރީނިއޯ ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ބްރެޒިލްގެ އިންޓަނޭސިއަނަލް އަށް ކުޅުނުއިރު އޮސްކާ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތްކުރި ދެކްލަބަކީ ޗެލްސީ އާއި ރެއާލް މެޑްރިޑެވެ. މިދިޔަ އަހަރު މެއި މަހު ޑެންމާކާއި ދެކޮޅަށް ބްރެޒިލް ކުޅުނު އެކުވެރިކަމުގެ މެޗެއް ބެލުމަށްޓަކައި މޮރީނިއޯ ދަނޑަށް ގޮސްފައިވެ އެވެ.
"ޗެލްސީ އާއި ގުޅުމުގެ މަހެއް ކުރިން ރެއާލް މެޑްރިޑާއި ގުޅުމާއި ވަރަށް ގާތަށް ދެވުނު. އޭރު މޮރީނިއޯ ބުނި އަހަރެން ބޭނުންވާ ވާހަކަ. ޑެންމާކާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ކުރިން މެޑްރިޑާއެކު ވާހަކަތައް ކުރިއަށްދިޔަ. އެއަށްފަހު އަހަރެން ޗެލްސީއާއި ގުޅެން ނިންމީ." އޮސްކާ ބުންޏެވެ.
މެޑްރިޑަށް އޮސްކާ ނުގެންދެވުނު ނަމަވެސް މޮރީނިއޯ މިހާރު ޗެލްސީގައި އޮސްކާގެ ބޭނުން ވަރަށް ރަނގަޅަށް ހިފަމުންދެ އެވެ. މޮރީނިއޯގެ ޕްލޭންގައި އޮސްކާ އަކީ މުހިންމު ކުޅުންތެރިއެކެވެ. މޮރީނިއޯ އޮސްކާ ބޭނުންކުރަމުންދަނީ ޗެލްސީގެ ޕްލޭމަކަރުގެ ގޮތުގަ އެވެ.
"ޗެލްސީއަށް މޮރީނިއޯ އައުމާއެކު އަހަރެންނާއި ވާހަކަދެއްކި. އޭނާ ވަނީ އަހަރެންނަށް އިތުރު ހިތްވަރުދީފައި. އަދި އަހަރެން މިދަނީ މޮރީނިއޯގެ ސަޕޯޓާއެކު ދަނޑުމަތީގައި މޮޅު ކުޅުމެއް ދެއްކޭތޯ ބަލަމުން،" އުމުރުން 22 އަހަރުގެ ޕްލޭމޭކަރު ބުންޏެވެ.
ޗެލްސީ އާއި ގުޅުމަށްފަހު އޮސްކާ ވަނީ އެކްލަބްގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ޗެލްސީގައި ގިނަ ލަނޑުތަކެއް ޖަހާ ފޯވާޑުންނަށް ލަނޑުތަކެއް ޖަހައިދިނުމުގައި އޮސްކާގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެ އެވެ.