19 Nov 2013, 14:08
ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ހުންނަ އީރާނުގެ އެންބަސީއާ ދާދި ގާތުގައި ވަރުގަދަ ގޮވުންތަކެއް ގޮވައި، އެތައް އިމާރާތެއް ފުނޑުފުނޑުވެ، ގިނަ އަދަދެއްގެ ބަޔަކު މަރު ވެއްޖެއެވެ.
މީގެ ކުޑައިރުކޮޅެއް ކުރީން ދެވުނު ހަމަލައާ ބެހޭ އެކަށީގެންވާ ތަފްސީލުތަކެއް އަދި ލިބިފައެއް ނުވެއެވެ. ރޮއިޓަރސް ނޫސް އޭޖެންސީން ބުނެފައި ވަނީ މަދުވެގެން ހަތް މީހަކު މަރު ވި ކަމަށެވެ.
ގޮވައިފައި ވަނީ ކާރު ބޮމެއް ކަމަށް ބައެއް ރިޕޯޓުތައް ބުނާ އިރު، ރޮކެޓެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި، ލިބިފައި ވާ ގެއްލުންތަކުގެ ބޮޑުކަމުން، އެއީ ކާރު ބޮމެއް ނުވަތަ ރޮކެޓަކަށް ވުރެ ވަރުގަދަ ހަތިޔާރަކުން ދެވުނު ހަމަލައެއް ކަމަށް ވެސްބައެއްރިޕޯޓުތަކުގައި ވަނީ ބުނެފައެވެ.
"މި ގޮވުންތަކުގެ ބާރުގަދަކަން އެނގެނީ އެ ސަރަހައްދުގައި ހުރި މަދުވެގެން ފަސް އިމާރާތެއް މުޅީން ސުންނާފަތި ވެފައި ވާތީ." ބެއިރޫތުގައި ހުންނަވާ އަލްޖަޒީރާގެ މުރާސިލް ޒައިނާ ޚުޟްރު ވިދާޅުވިއެވެ.
ޒައިނާ ވިދާޅުވެފައި ވަނީ މަރުވި މީހުންގެ އަދަދު ވެސް ހަތަކަށް ވުރެ ގިނަ ވުން އެކަށީގެންވާ ކަމަށާއި، މުޅި ސަރަހައްދުގައި އެމްބިއުލޭންސްތަކާއި އިމަޖެންސީ ސިއްހީ އެހީތެރިން މަރު ވެފައި ނުވަތަ ޒަޚަމް ވެފައި ތިބި މީހުންތައް ނަގައި ހަސްފަތާލުތަކަށް ގެންދިޔުމުގެ މަސައްކަތުގައި އުޅެމުންދާ ކަމަށެވެ.
"މީހުންތައް ހާސްކަމާ އެކު މުޅި ހިސާބުގައި އެކިކޮޅުކޮޅަށް ހަރަކާތްތެރި ވަނީ ގާތްތިމާގެ މީހުން ނުވަތަ ރަހުމަތްތެރީން ހޯދާން." ޒައިނާ ވިދާޅުވިއެވެ.
ބެއިރޫތުގެ ސަލާމަތީ ބާރުތައް އެލާޓުގައި ތިބި ކަމަށާއި، މި ހަމަލަ ދިނީ ކޮން ބައެއްކަމާ މެދު އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.