ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހޯދަން އިއުލާންކޮށްފި އެވެ.

ސައިކަލެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހޯދަން ފޮޓޯ އާއި މައުލޫމާތު އާންމުކޮށްފައިވާ މީހަކީ ލ. ގަން މުކުރިމަގު، ސަދުބަރަކާމާގެ އަހުމަދު އިރުފާން، 19، އެވެ.

ފުލުހުން ބުނީ އިރުފާން ހޯދަނީ މި މަހުގެ 12 ވަނަ ދުވަހުގެ ވަގުތެއްގައި ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައެއްގެ ތުހުމަތުގައި، ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަޙުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ކޮށްފައިވާ އަމުރާކާ ގުޅިގެން ކަމަށެވެ.

ހޯދަމުން އަންނަ ޒުވާނާއަކީ މީގެ ކުރިން ވެސް ސައިކަލް ވަގަށް ނެގުމުގެ މައްސަލަތަކުގެ ރެކޯޑާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އޭނާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.