މޯލްޑިވުސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯގެ މަގާމުގައި ހުންނެވި މުހައްމަދު ލަތީފް އެމަގާމުން ވަކިކޮށްފި އެވެ.

އެމްޕީއެލްއިން މިއަދު "ސަން" އަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި އޭނާ އެ މަގާމުން ވަކިކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

ލަތީފް ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ. ސަން އަށް އެނގިފައިވާގޮތުގައި އެމްޕީއެލްގެ ސީއޯއޯގެ މަގާމަށް އަދި މީހަކު އައްޔަން ކޮށްފައެއް ނުވެއެވެ.

އެމްޕީއެލްގެ ސީއީއޯގެ މަގާމަށް ލަތީފް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރު އެވެ.

ލަތީފް މިއަދު މަގާމުން ވަކިކޮށްފައިވާއިރު ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު އަސްވާން ވެސް ވަނީ އެމަގާމުން ވަކިކޮށްފަ އެވެ. އަދި އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ޝާހިދު އަލީ ވެސް އިއްޔެ ވަނީ މަގާމުން ވަކިކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ސަރުކާރު ހިންގަވަން ފެއްޓެވުމާ އެކު ކުރިން ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މަގާމުތަކަށް ބަދަލު ގެންނެވުމުގެ މަސައްކަތް ވަނީ ފައްޓަވާފަ އެވެ.