ޕަވާ ހޯސް ނޭޝަނަލް ވޮލީ ބޯލް ލީގުގައި ރޭ ދިވެހި ސިފައިންގެ ކުލަބް އަތުން ޔޫތު ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު އެމެޗް ޔޫތު ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރީ ތިން ސެޓް ދެ ސެޓުންނެވެ.

ރޭގެ މެޗުގެ ސެޓުތައް ދެ ޓީމުން ގެންގޮސްފައިވާ ގޮތައްބަލާ އިރު މެޗުގެ ފުރަތަމަ ދެސެޓް ކާމިޔާބުކުރީ ޔޫތު ސްޕޯޓްސް ކުލަބުންނެވެ. އެއީ 25-21، 25-15 އިންނެވެ. މެޗުގެ ތިން ވަނަ ސެޓާއި ހަތަރު ވަނަ ސެޓް ކާމިޔާބުކުރީ ސިފައިންގެ ކުލަބުން ނެވެ. އެއީ 25-22، 25-22 އިންނެވެ. އަދި މެޗުގެ ފަސް ވަނަ ސެޓް ޔޫތު ސްޕޯޓްސް ކުލަބުން ކާމިޔާބު ކުރީ 15-12 އިންނެވެ.

ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ޔޫތު ސްޕޯޓްސް ކްލަބުގެ އިންޑިއާ ކުޅުންތެރިޔާ ގިލޭރިއެވެ.

މުބާރާތުގައި މިއަދުވެސް ދެމެޗް ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗުގައި މިއަދު ހަވީރު 4:30 ޕޮލިސް ކުލަބާއި ޔޫތު ސްޕޯޓްސް ކުލަބެވެ. އަދި ދެ ވަނަ މެޗުގައި މިރޭ 8:30 ބައްދަލުކުރާ ދެޓީމަކީ ކުލަބް ޕީކޭ އާއި ސިފައިންނެވެ.