19 Nov 2013, 10:15
އދ. މަޖިލިސް (ނޮވެމްބަރު 19): އދ.ގެ ޖެނެރަލް އެސެމްބްލީގައި ބޭއްވި އިންތިޚާބެއްގައި ބައިވެރިވެ ވޯޓުލުމުގެ ހައްގު ފަލަސްތީނަށް ފުރަތަމަ ފަހަރަށް ލިބި އެކަމުގައި ބައިވެރިވުމުން އދ. ން އެއީ ތާރީޚީ ކަމެއް ކަމަށް ބުނެފި އެވެ.
އދ.ގެ ސެކްރެޓޭރިއަޓުން ބުނީ މިއީ އދ.ގެ ފުރިހަމަ މެންބަރަކަށްނުވާ ދައުލަތެއްގެ ދަރަޖަ ފަލަސްތީނަށް ދިނުމަށް 2012 ވަނަ އަހަރު އދ. ން ނިންމުމާ ގުޅިގެން ޖެނެރަލް އެސެމްބްލީން ބޭއްވި އިންތިޚާބެއްގައި ބައިވެރިވެ ފަލަސްތީނުން ވޯޓުދިން ފުރަތަމަ ފަހަރު ކަމަށާއި މިއީ ތާރީޚީ ކަމެއް ކަމުގަ އެވެ. ކުރީގެ ޔުގޮސްލޭވިޔާގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތައް ބަލާ ބައިނަލްއަޤްވާމީ ކޯޓަށް ފަނޑިޔާރަކު އިންތިޚާބު ކުރުމަށް ޖެނެރަލް އެސެމްބްލީގައި އިއްޔެ ބޭއްވި އިންތިޚާބުގައި ފަލަސްތީނުން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ރިޔާޒް މަންސޫރު ބައިވެރިވެ ވަޑައިގެން ވޯޓުދެއްވާފައިވެ އެވެ.
ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެންބަރަކަށް ނުވާ ދައުލަތަކަށް ވާތީ އދ.ގައި ނަގާ ހުރިހާ ވޯޓެއްގައި ބައިވެރިވުމުގެ ފުރްސަތު ފަލަސްތީނަށް ނުލިބުނުނަމަވެސް ބައެއް ވޯޓުތަކުގައި ބައިވެރިވުމުގެ ފުރްސަތު ފަލަސްތީނަށް ލިބޭ ގޮތަށް ހަމަޖެހިފައިވެ އެވެ. އދ.ގެ ފުރިހަމަ މެންބަރުކަން ލިބިފައިވާ ގައުމުތަކުގެ އަދަދު 193 އަށް އަރާފައިވާއިރު ފަލަސްތީނަށް ފުރިހަމަ މެންބަރުކަން ދިނުމަށް އެދި ސަލާމަތީ މަޖިލީހަށް ހުށަހެޅުމުން އެކަމަށް ހުރަސްއަޅާފައި ވަނީ އެ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރުލިބިފައިވާ އެމެރިކާއިންނެވެ.
އެމެރިކާވަނީ އދ.ގެ ފުރިހަމަ މެންބަރަކަށް ވުމަށް 2013 ވަނަ އަހަރު ފަލަސްތީނުން ސަލާމަތީ މަޖިލީހަށް ހުށަހެޅި ހުށަހެޅުން ވީޓޯކޮށް ބާތިލްކޮށްލާނެ ކަމުގެ އިންޒާރު ދީފަ އެވެ. މިއިންޒާރާ އެކު ފުރިހަމަ މެންބަރަކަށް ވެވޭނެގޮތެއް ނެތުމުން އދ. ގެ ފުރިހަމަ މެންބަރަކަށްނުވާ ދައުލަތެއްގެ ދަރަޖަ ހޯދުމަށް ފަލަސްތީނުން އދ.ގެ ޖެނެރަލް އެސެމްބްލީއަށް ހުށަހެޅުމުން 2012 ވަނަ އަހަރު އެ އެސެމްބްލީގެ ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން ފަލަސްތީނަށް ވަނީ މިދަރަޖަ ދީފަ އެވެ. އޭގެކުރިން ފަލަސްތީނަކީ އދ.ގައި ހަމައެކަނި އޮބްޒާވަރެއްގެ މަގާމު ލިބިފައިވާ ގައުމެކެވެ.
އދ.ގެ ފުރިހަމަ މެންބަރަކަށްނުވާ ދައުލަތެއްގެ ދަރަޖަ ލިބުމުން އދ. ގެ ދަށުން ހިނގާ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުގެ މެންބަރަކަށް ވުމުގެ ޝަރުތުވެސް ފަލަސްތީނަށް ވަނީ ފުރިހަމަވެފައެވެ. ނަމަވެސް އެ ކޯޓުގެ މެންބަރަކަށް ވުމަށް އެދި ފަލަސްތީނުން އަދި ހުށަހަޅާފައެއްނުވެ އެވެ. މީގެ އިތުރުން 2011 ވަނަ އަހަރު ފަލަސްތީނުން ވަނީ ތައްލީމާއި ސައެންސާއި ސަގާފަތާ ބެހޭ އދ.ގެ ޖަމްއިއްޔާ "ޔުނެސްކޯ"ގެ ފުރިހަމަ މެންބަރުކަން ވެސް ހޯދާފަ އެވެ. މިކަމާ ދެކޮޅު ހެދުމުގެ ގޮތުން އެމެރިކާ އާއި އިސްރާއީލުން ޔުނެސްކޯ އަށް އެ ދެގައުމުންދޭ ޗަންދާގެ ފައިސާ ދިނުން ހުއްޓާލާފައިވުމުން މިއަހަރު ތެރޭގައި އެމެރިކާ އާއި އިސްރާއީލަށް ވަނީ "ޔުނެސްކޯ"ގައި ބާއްވާ ކަންކަމުގައި ބައިވެރިވެ ވޯޓުލުމުގެ ޙައްޤު ގެއްލި އެހައްގުން މަހްރޫމް ވެފަ އެވެ. (ނޫސްއެޖެންސީތައް)