އޭއެފްސީ ޗެލެންޖްކަޕް 2014 ރާއްޖޭގައި ބާއްވާނޭ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)ގެ ރައީސް އިލްހާމް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ޗެލެންޖްކަޕަށް ގިނަ މަސައްކަތްތަކެއް ރާއްޖޭގައި ކުރަން ޖެހޭ އިރު އޭއެފްސީގެ ރައީސް ސަލްމާން އަލް ޚަލީފާ ފިލިޕީންސަށް ކުރެއްވި ދަތުރުފުޅެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި މުބާރާތް ނުބޭއްވޭ ގޮތް ވެއްޖެ ނަމަ އެފުރުސަތު ފިލިޕީންސަށް ދެއްވާނޭ ކަމަށެވެ.

"ރާއްޖޭގައި ކަމެއް ގޯސްވެގެން މުބާރާތް ނުބޭއްވިއްޖެ ނަމަ ދެން އެ ފުރުސަތު ދޭނީ ފިލިޕީންސަށް. ފިލިޕީންސް ފުޓްބޯލް އެސޯސިއޭޝަން އޮތީ އެކަމަށް ތައްޔާރަށް،" އޭއެފްސީގެ ރައީސް ވިދާޅުވެފައިވެ އެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި އެފްއޭއެމްގެ ރައީސް ވިދާޅުވީ، ރާއްޖޭގައި މުބާރާތް ނުބޭއްވޭނޭ ކަމަށް މީޑިއާގައި އަޑު ފެތުރިފައިވީ ނަމަވެސް ރާއްޖޭގައި އެ މުބާރާތް ބޭއްވޭނޭ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

"ޗެލެންޖު ކަޕް ބޭއްވުމަށް އެންމެ މުހިއްމު ކަމެއްގެ ގޮތުގައި އޭއެފްސީއިން ފާހަގަކުރަށްވާފައިވަނީ، ފުޑް އެންޑް އެކޮމޮޑޭޝަންގެ ކަންތައް... ދަނޑު އެބޭފުޅުންނަށް އެނގި ތިބެގެން ޗެލެންޖްކަޕް ރާއްޖޭގައި ބާއްވަން ނިންމެވީ ވެސް. އެހެންވީމާ އަޅުގަނޑަށް ހީވަނީ މައިގަނޑު އިޝޫއެއް ނޫންހެން އެއީ. އެހެނަސް އެބޭފުޅުން ބޭނުންފުޅުވާނެ، ވަކިގޮތަކަށް ފާހާނާ ހުރުމާއި އަދި ބައެއް ކަހަލަ ކުދިކުދި ކަންތައްތައް، މިހެން ދެންނެވިޔަސް އޭގެ ޒާތުގައި ފައިސާ ނިސްބަތްވާ ކަންތައްތައް މިހުރީ އެކަންތައް ފުރިހަމަ ކުރުމަށް،" އިލްހާމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާސީ މަސްރަހްގެ ވާހަކަ އަޅުގަނޑު ދަންނަވާފައިވާނީ، ސިޔާސީ މަސްރަހް ހުރިގޮތަކުން ރާއްޖޭގައި މުބާރާތް ނުބޭއްވިދާނޭ ވާހަކަ އަޅުގަނޑުމެން ވާނީ އަނގަބަހުން ފޯނުން ގުޅާފައި ދަންނަވާފައި."

އިލްހާމް ވިދާޅުވީ، ރާއްޖޭގައި ސިޔާސީ މަސްރަހް ގޯސްވެގެން ދިއުމާއި ގުޅިގެން ރާއްޖޭގެ ހާލަތު އޭއެފްސީއިން ވަރަށް ގާތުން ބަލަމުން ގެންދާ ކަމަށާއި އަދި ދެވަނަ "އޮޕްޝަން" އަކަށް އޭއެފްސީއިން ވިސްނާފައި އެވަނީ، އެފަދަ ހާލަތެއްގައި ރާއްޖޭގައި މުބާރާތް ނުބޭއްވިއްޖެ ނަމަ ދެން އެމުބާރާތް ބާއްވާނޭ ތަނެއް ހަމަޖައްސާފައި ބޭއްވުމަށް ކަމަށް ގަބޫލުފުޅު ކުރައވާ ކަމަށެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު އެފްއޭއެމްއިން ބޭއްވި ނޫސް ކޮންފަރެންސްގައި އެ އިދާރާގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމްސް އަލީ ސުޒޭން ވަނީ، ރާއްޖޭގައި ޗެލެންޖް ކަޕް ބޭއްވިޔަ ނުދިނުމަށް ބަޔަކު މަސައްކަތް ކުރަމުން ގެންދާ ކަމަށް ވިދާޅުވެ އެގޮތަށް އެކަން ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

"ދިވެހިރާއްޖޭގައި ޗެލެންޖްކަޕް ނުބޭއްވޭނޭ އެއްވެސް ރާގެއް އެއްވެސް ދިމާލަކުން އަދި މިހާތަނަށް ނާދޭ. އޭއެފްސީ އެފްއޭއެމްއާ ޗެލެންޖްކަޕް ބޭއްވުމުގައި ޒިންމާވާ ފަރާތަކީ. އެހެން ނަމަވެސް ދިވެހިރާއްޖޭގައި މި ޗެލެންޖްކަޕް ބޭއްވިޔަ ނުދިނުމަށްޓަކައި ސިޔާސީ ވާދަވެރިކަމެއްގައި ވެދާނެ، އެފްއޭއެމްގެ ރައީސާ އޮތް ވާދަވެރިކަމެއްގައި ހަމަ ވޯޓަކުން ބަލީވީމަ އެ އޮންނަނަ ރީތި އުސޫލު އަޅުގަނޑުމެންނަށް އިއްޔެވެސް ފެނިގެން ހިނގައްޖެ. އެކަމަކު އެ ރީތި އުސޫލު ބޭނުން ނުކޮށް އެންމެ އާދައިގެ ދަށު ދަރަޖައިގެ އުސޫލެއް ބޭނުން ކޮށްގެން އަޅުގަނޑުމެން ރާއްޖޭގައި ބާއްވަންއުޅޭ ޗެލެންޖް ކަޕް ބޭއްވިޔަ ނުދޭން ހަމަ ކަނޑައެޅިގެން ވަކި މީހަކު މަސައްކަތް ކުރަމުންދާ ދަނޑިވަޅެއް ވީމަ ތިބޭފުޅުން ކުރަށްވާ ސުވާލެއްކަން ނޭނގެތީ،" އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމްއަށް ނިސްބަތްކުރަށްވައި ސުޒޭން ވިދާޅުވި އެވެ.

ސުޒޭންގެ އެ ތުހުމަތާ ގުޅޭގޮތުން އޭއެފްސީގައި ރާއްޖެ ތަމްސީލު ކުރައްވާ އަދި އޭއެފްސީގެ އެކްސްކޯ މެންބަރު އާޒިމް ސަން އަށް ވިދާޅުވީ، އޭނާ އެ މަގާމުގައި ހުރެގެން ރާއްޖޭގައި ޗެލެންޖް ކަޕް ބޭއްވުމަކީ ހުދު އޭނާއަށް ވެސް ލިބޭ "ޝަރަފެއް" ކަމަށާއި އެހެން ކަމުން އެ މުބާރާތް ރާއްޖޭގައި ބޭއްވުމަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރަށްވަމުން ގެންދަވާ ކަމަށެވެ.

"އަޅުގަނޑުގެ ޒިންމާއެއް ރާއްޖެއިން ޗެލެންޖް ކަޕަށް ތައްޔާރުވަމުންދާ ގޮތް އޭއެފްސީއަށާއި އަދި އެފްއޭއެމްގެ ސަމާލުކަމަށް ވެސް ގެނައުމަކީ. އަޅުގަނޑު މި މަގާމްގައި ހުރެގެން އަދި އެފްއޭއެމްގެ ރައީސްކަން ވެސް ކުރި މީހެއްގެ ހައިސިއްޔަތުން ރާއްޖޭގައި މުބާރާތް ބޭއްވުމަކީ އަޅުގަނޑަށްވެސް އަދި ގައުމަށް ވެސް ލިބޭ ވަރަށް ބޮޑު ޝަރަފެއް،" އާޒިމް ވިދާޅުވި އެވެ. "މުބާރާތް ބޭއްވުމަށްޓަކައި ވަރަށް ގިނަ ތައްޔާރީ ތަކެއް ވާން އެބަޖެހޭ. އޭގެ ތެރޭގައި އޭއެފްސީ އިން ގަބޫލުކުރާ ފެންވަރަށް ރަނގަޅު ފެންވަރުގެ ދެ ދަނޑު ތައްޔާރުކުރަން އެބަޖެހޭ. އެކަމަކު ކަނޑައެޅިފައިވާ ތާރީޚްތައް ފަހަނަޅައި ދާއިރުވެސް އެކަމުގެ އަމަލީ މަސައްކަތްތައް ފެންނަމުންނެއް ނުދޭ."

އެފްއޭއެމްގެ ކުރީގެ ރައީސް ވިދާޅުވީ، ރާއްޖޭގައި މުބާރާތް ނުބޭއްވިއްޖެ ނަމަ މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ރާއްޖެއަށް މުބާރާތުން ލިބިފައިވާ ފުރުސަތު ވެސް ގެއްލިދާނެ ކަމުގެ ބިރު އޮތުމާއެކު އެ ހުރިހާ ވާހަކަތަކެއް އެފްއޭއެމްއާ ވެސް އޭނާ ވާނީ ހިއްސާ ކުރަށްވާފައި ކަމަށެވެ.

އަންނަ އަހަރުގެ ފެބްރުއަރީ މަހު ޗެލެންޖް ކަޕްގެ ގުރުލުން ބާއްވަން ހަމަޖައްސާފައިވާއިރު، އެފްއޭއެމްގެ ރައީސް އިލްހާމް ވިދާޅުވީ، މިހާރުވެސް މުބާރާތައް ރާއްޖެއަންނަ ޓީމުތައް ތިބުމާއި ކެއުމުގެ ހުރިހާ ކަމެއް އޭއެފްސީއިން ބޭނުންވާ ފެންވަރަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ދަނޑުގެ މަރާމާތުތައްވެސް ވަރަށް އަވަހައް ފައްޓަވާނޭ ކަމަށް އެފްއޭއެމްގެ ރައީސް ވިދާޅުވިއެވެ.

ޗެލެންޖް ކަޕް ފަށަން ގާތްގަނޑަކަށް ހައެއްކަ މަސް ދުވަހަށް ވެފައިވާއިރު އެމުބާރާތް ކުޅުމަށް ހަމަޖެހިފައިވާ ގަލޮޅު ދަނޑާއި އައްޑޫ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް އަދިވެސް ވަނީ ނުފެށި އެވެ.

އިލްހާމް ވިދާޅުވީ އެފްއޭއެމްގެ މާލީ ހާލަތު ހުރިގޮތުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ނުކުރެވި ހުރިކަމަށާއި އަދި ސަރުކާރާއި ކަމާބެހޭ ދާއިރާތަކާ މަޝްވަރާކޮށްގެން ކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ފައްޓަވާނޭ ކަމަށެވެ.