19 Nov 2013, 09:40
އޮސްޓްރޭލިޔާގެ ޖާސޫސީ އިދާރާތަކުގެ އޮފިޝަލުން އިންޑޮނީޝިއާގެ ރައީސް ސުސިލޯ ބަމްބަންގ ޔުދޮޔޯނޯ އާއި އޭނާގެ އަނބިކަނބަލުންނާއި އިންޑޮނީޝިއާ ސަރުކާރުގެ ބައެއް ވަޒީރުންގެ ފޯން ކޯލުތައް އަޑު އަހައި، ޖާސޫސު ކޮށްފައި ވާ ކަމަށް ތުހުމަތު ކުރާ ރިޕޯޓުތަކާ ގުޅިގެން، އޮސްޓްރޭލިޔާގައި ހުންނަވާ އިންޑޮނީޝިއާގެ އެންބެސެޑަރު އަނބުރައި ގައުމަށް ގެންނާން ނިންމައިފިއެވެ.
އޮސްޓްރޭލިޔާގައި ހުންނަވާ އިންޑޮނީޝިއާގެ އެންބެސެޑަރު ނަޖީބް ރިފްޢަތު ކަސޫމާ އަނބުރައި ގައުމަށް ގެނައުމަށް، ރައީސް ޔުދޮޔޯނޯ ނިންމެވި ނިންމެވުމާ އެއްގޮތަށް މާދަމާ އޭނާ އޮސްޓްރޭލިޔާއިން ފުރާވަޑައިގަންނަވާނެއެވެ.
އިންޑޮނީޝިއާގެ ޚާރިޖީ ވަޒީރު މާރޓީ ނަޓަލެގާވާ މިއަދު ނޫސްވެރީންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ އިންޑޮނީޝިއާ އޮތީ "ވަރަށް ބޮޑަށް ހިތްހަމަނުޖެހި، މާޔޫސް ވެފައި" ކަމަށާއި، އޮސްޓްރޭލިއާ އާ އެކުގައި އިންޑޮނީޝިއާއިން މިހައިތަނަށް ބާއްވަމުން އައި ގުޅުމާއި ދެމުން އައި އެއްބާރުލުން މުރާޖަޢާ ކުރާނޭ ކަމަށެވެ.
"މިއީ މުހިއްމު އަމާޒުތަކަކަށް ޓަކައި ގުޅިގެން މަސައްކަތް ކުރާ ދެ ގައުމެއްގެ ތެރެއިން އެއް ގައުމަކުން އަނެއް ގައުމަކާ މެދު ގެންގުޅެންވާ ރަހުމަތްތެރި އަދި އެކުވެރި ގޮތާ މުޅީން ޚިލާފު އަމަލުތަކެއް. މިއީ އެފަދަ ދެ ގައުމެއްގެ ތެރެއިން އެއް ގައުމަކުން އަނެއް ގައުމަކާ މެދު އެއްގޮތަކަށް ވެސް އަމަލު ކޮށްގެން ވާނެ ގޮތެއް ނޫން." ނަޓަލެގާވާ ވިދާޅުވިއެވެ.
އޮސްޓްރޭލިއާގައި ހުންނަވާ އިންޑޮނީޝިއާގެ އެންބެސެޑަރު އަނބުރައި ގައުމަށް ގެނައުމަކީ ފަސޭހަ، އަދި ބުއްދިވެރި ގޮތެއް ކަމަށް ނުވެދާނެ ކަމަށާއި، ނަމަވެސް މިއަދަކީ އިންޑޮނީޝިއާ އާއި އޮސްޓްރޭލިއާގެ ގުޅުމުގެ ތާރީޚުގައި ވަރަށް ދަތި ދުވަހެއް ކަމަށް ވެސް ޚާރިޖީ ވަޒީރު ނަޓަލެގާވާ ވިދާޅުވިއެވެ.
އެންބެސެޑަރު ނަޖީބް އަނބުރައި ގައުމަށް ގެންނަނީ ކިހައި ދުވަހަކަށް ތޯ ނޫސްވެރީން ސުވާލު ކުރުމުން، ނަޓަލެގާވާ ވިދާލުވެފައި ވަނީ "އަޅުގަނޑު އެންބެސެޑަރަށް ދަންނަވާނީ ފޮށިތަންމަތި ރަނގަޅަށް ބަންނަވައި ހަމަ ކުރައްވައިގެން ވަޑައިގަންނަވާށޭ" މިހެންނެވެ.
މި ކަމާ ގުޅިގެން އޮސްޓްރޭލިއާގެ ބޮޑުވަޒީރު ޓޯނީ އެބޮޓާ އެ ގައުމުގެ ޕާރލަމެންޓުގައި ސުވާލު ކުރުމުން، އެބޮޓް ވަނީ މައްސަލައާ ބެހޭގޮތުން ކޮމެންޓެއް ކުރައްވާން ދެކޮޅު ހައްދަވައިފައެވެ. ކަމާ ބެހޭގޮތުން އެއްވެސް އެއްޗެއް ވިދާޅުވުމުގެ ބަދަލުގައި، އޭނާ ވިދާޅުވެފައި ވަނީ އިންޑޮނީޝިއާ އަކީ އޮސްޓްރޭލިއާގެ ވަރަށް މުހިއްމު ޕާޓްނަރެއް ކަމަށެވެ.
އޮސްޓްރޭލިއާގެ ޖާސޫސީ އިދާރާތަކުން އިންޑޮނީޝިއާގެ ރައީސާއި އިސް ބައެއް ބޭފުޅުންނަށް ޖާސޫސު ކޮށްފައި ވާކަން ފަޅާ އެރީ، އެމެރިކާ ސަރުކާރުން ހިންގާ ޣައިރުގާނޫނީ ޖާސޫސީ ހަރަކާތްތައް ފަޅާ އަރުވައިލި އެ ގައުމުގެ ވިސްލްބްލޯވަރ އެޑްވަރޑް ސްނޯވޑެން ލީކު ކުރި ސިއްރު ރަސްމީ ލިޔެކިޔުންތަކެއްގެ ސަބަބުންނެވެ. މި ލިޔެކިޔުންތައް ސްނޯވޑެން ފޯރު ކޮށްދީފައި ވަނީ އިނގިރޭސި ވިލާތުގެ "ދަ ގާރޑިއަން" ނޫހަށާއި އޮސްޓްރޭލިއާގެ "އޮސްޓްރޭލިއަން ބްރޯޑްކާސްޓިންގ ކޯރޕޮރޭޝަން" އަށެވެ. މި ދެ ފަރާތުން ވެސް ވަނީ އެ މައުލޫމާތު ޝާއިއު ކޮށްފައެވެ.