މަސް ފެށި ފުރަތަމަ ފަސް ދުވަސް ފާއިތުވީ އިރު ވެސް، މާލޭ މުނިސިޕަލްޓީގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދި ވެސް ނުލިބޭ ކަމަށް އެ ތަނުގެ މުވައްޒަފުން ބުނެފި އެވެ.


ނަން ނުޖެހުމަށް ޝަރުތުކޮށް މުނިސިޕަލްޓީގެ މުވައްޒަފަކު ސަން އޮންލައިނަށް މިއަދު ބުނީ އެ އިދާރާގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް މިދިޔަ މަހުގެ މުސާރަ މަހުގެ ފުރަތަމަ ފަސް ދުވަސް ފާއިތުވި އިރު، ޖަމާވެފައި ނުވާކަމަށާއި އެނޫން ބައެއް މަސް މަހުގައި ވެސް މުސާރަ ލިބުމުގައި ވެސް، ފަހަކަށް އައިސް ލަސްވަމުން އަންނަ ކަމަށެވެ.


ނަމަވެސް މާލޭ މުނިސިޕަލްޓީގެ ރައީސް ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ މުނިސިޕަލްޓީގެ މުވައްޒިފުންނަށް މުސާރަ ލިބުމުގައި ދަތިތަކެއް އުޅޭކަމުގެ ޝަކުވާ ލިބިވަޑައިގެންފައިނުވާ ކަމަށާއި އެއީ އެބޭފުޅާއާ ބެހޭ ކަމެއް ނޫން ކަމަށެވެ.


"ދައުލަތުގެ މުވައްޒިފުންތަކެއްގެ މުސާރައިގެ ވާހަކަ ތިޔަ ވިދާޅުވަނީ. އެއީ ކީ އަޅުގަނޑަށް ހުއްޓުވޭނެ އެއްޗެއް ވެސް ނޫން. އެ ސިސްޓަމުގެ [ސިވިލް ސާވިސްގެ]ތެރެއިން އެކަން ދާނީ. އަޅުގަނޑުގެ ދަށަށް މިތަނުގައި ހުންނާނެ ޒިންމާދާރު ވެރިޔާ ކިޔާ ބޭފުޅެއް. އެބޭފުޅާ ޒިންމާ އުފުއްލަވަން ޖެހޭނީ. އަޅުގަނޑެއް ނޫން،" އާދަމް މަނިކު ވިދާޅުވި އެވެ.


ފިނޭންސް މިނިސްޓްރީގެ ސުޓޭޓް މިނިސްޓަރު އަހުމަދު އަސްއަދު މިއަދު ވިދާޅުވީ ނޮވެމްބަރު މަހު ތެރޭގައި ބޮޑު ބަންދަކާ ކުރިމަތިވުމުން މުސާރަތައް ޖަމާކުރުމުގައި ކޮންމެ ވެސް ވަރެއްގެ ދަތިތަކެއް ހުރުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެނަސް މުސާރަ ލިބުމުގައި "ބޮޑު މައްސަލައެއް" ކުރިމަތިވެފައި ވާކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.


"އަޅުގަނޑަކީ ވެސް ސަރުކާރު މުވައްޒިފެއް. އަޅުގަނޑަށް ވެސް މުސާރަ ޖަމާވެއްޖެ. އަޅުގަނޑަކަށް ހިއެއް ނުވޭ މާބޮޑު ދައްޗެއް [މުސާރަ ޖަމާވުމުގައި] އޮންނާނެ ހެނެއް." އަސްއަދު ވިދާޅުވި އެވެ.


މުނިސިޕަލްޓީގެ މުވައްޒަފު ބުނީ މަސް ނިމޭ ދުވަހު މުސާރަ ޖަމާނުވުމުން ދަތިތަކެއް ކުރިމަތިވާ ކަމަށާއި އަސާސީ ހިދުމަތްތަކުގެ ބިލްތައް ދެއްކުމަށް ވެސް ދަތިވެފައިވާ ކަމަށެވެ.


"އަޅުގަނޑުގެ ކްރަޑިޓް ކާޑުގެ ފައިސާ މަހުގެ ފުރަތަމަ ދުވަހު ބޭންކުން ކަނޑާނެ. އެކައުންޓަށް މުސާރަ ޖަމާނުވުމުން ބޭންކުން އަޅުގަނޑުގެ އަތުން އިތުރު ކޮމިޝަނެއް ނަގާ. އެކަމުގައި ޒިންމާ ވަނީ ކާކު." އޭނާ ސުވާލުކުރި އެވެ.


އޭނާ ބުނީ މަދު މުސާރަކޮޅެއް ލިބުނަސް ސަރުކާރުގައި މަސައްކަތް ކުރަނީ މަހުން މަހަށް އަދި މަސް ނިމޭ އިރު މުސާރަ ލިބޭނެ ކަމުގެ ޔަގީންކަން އޮންނާތީ ކަމަށާއި ނަމަވެސް ސަރުކާރުގެ ހާލަތު ބައެއް އަމިއްލަ ކުންފުނިތަކަށް ވުރެ ދަށަށް މިހާރު ވެއްޓިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.


"މިއީ މީގެ ކުރިން ދުވަހަކު ވެސްވީ ކަމެއް ނޫން. އަދި އެ ދައްކަނީ އިތުރު 20000 ވަޒީފާ އުފައްދާ ވާހަކަ. ފުރަތަމަ ތިބި މީހުންނަށް މުސާރަ ދެވޭތޯ ބަލަންވީއެއްނު."