19 Nov 2013, 09:32
ކަސްޓަމްސްގެ ވެއާ ހައުސްއަކަށް ގެންދިއުމަށް ޓަކައި މާލެ ކޮމާޝަލް ހާބަރުން ދޯންޏަކަށް ބަރުކުރަމުން ދަނިކޮށް ކަނޑަށް އެޅުނު ހުރިހާ ރާ ފުޅިތަކެއް ނަގައިފި އެވެ.
ހުޅުލޭގައި ހުންނަ ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސް އަށް ގެންދިއުމަށް ޓަކައި މާލޭ ކޮމާޝަލް ހާބަރުގެ މަގަތުފާލަމަށް ކައިރިކޮށްފައި އޮތް ދޯންޏަކަށް އެތަކެތި ބަރުކުރަނިކޮށް ރާޅެއްގައި ޖެހި ޕެލެޓްތައް ކަހާލައިގެން ހިނގި އެ ހާދިސާގައި 153 ރާ ކޭސް (918 ފުޅި) ވަނީ ކަނޑަށް އެޅިފަ އެވެ.
ކަސްޓަމްސްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެތަކެތި އެތެރެކުރި ފަރާތާއި ފުލުހުންނާއި ކަސްޓަމަސް ގުޅިގެން ކުރި މަސައްކަތުން އެ ހުރިހާ ރާ ފުޅިތަކެއް މިހާރު ނަގާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ޔަގީންކަން އެބައޮތް އެއްވެސް ރާފުޅިއެއް ނުނެގި ނުވާނެ ކަމުގެ،" ކަސްޓަސްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ހުރިހާ ރާފުޅިއެއް މިހާރު ހުރީ ކަސްޓަމުސްގެ ބެލުމުގެ ދަށުގައި ކަމަށާއި މިއަދު އެތަކެތި އަނެއްކާ ވެސް ކަސްޓަމްސްގެ ވެއާ ހައުސްއަކަށް ގެންދިއުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.