ޖަކާޓާ (ނޮވެމްބަރު 19): އިންޑޮނީޝިޔާގެ ރައީސް ސުސީލިޔޯ ބަންބަން ޔުދިޔޯނޯ އާއި އޭނާގެ އަނބިކަނބަލުންނަށް އޮސްޓްރޭލިޔާ އިން ޖާސޫސުކޮށްފައިވާ މައްސަލައިގެ ހަގީގަތް ހާމަކޮށްދިނުމަށް އެގައުމުން އެދިއްޖެ އެވެ.

މި މައްސަލައިގެ ހަގީގަތް ހާމަކޮށް ދިނުމަށް އެދި އިންޑޮނީޝިޔާ ސަރުކާރުން އޮސްޓްރޭލިޔާގެ ކިބައިން ރަސްމީ ސިފައެއްގައި އެދެފައި ވަނީ އިންޑޮނީޝިޔާ ޚާރިޖީ ވުޒާރާ އިން އިއްޔެ އޮސްޓްރޭލިޔާގެ ޚާރިޖީ ވުޒާރާ އަށް ފޮނުވި ސިޓީއެއްގަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި މިކަމުގެ ފުރިހަމަ ހަގީގަތް އޮސްޓްރޭލިޔާ ސަރުކާރުން ހާމަކޮށްދޭން ޖެހޭނެ ކަމުގަ އެވެ. އަދި މިކަމުގެ ހަގީގަތް ހާމަކޮށްދިނުމުގައި އެއްބާރުލުން ނުދޭނަމަ އޮސްޓްރޭލިޔާ އާއި އިންޑޮނީޝިޔާގެ ގުޅުންތަކަށް ނޭދެވޭ އަސަރުތައް ކޮށްފާނެކަމުގެ އިންޒާރު ވެސް އެސިޓީގައި ހިމެނޭކަމަށް ރިޕޯޓްތައް ބުނެ އެވެ.

އޮސްޓްރޭލިޔާ އިން އިންޑޮނީޝިޔާގެ ރައީސަށާއި އޭނާގެ އަނބިކަނބަލުންނަށް ޖާސޫސުކޮށްފައިވާކަން ބޭޒާރުވެފައި ވަނީ އެމެރިކާ އަށް ފިއްލަވައިގެން ރަޝިޔާ އިން ޙިމާޔަތް ހޯއްދަވައިގެން ހުންނެވި އެމެރިކާގެ ކުރީގެ ޖާސޫސީ އެޖެންޓް އެޑްވަޑް ސްނޯޑެން ލީކުކޮށްލާފައިވާ އެތައްހާސް ލިޔެކިޔުންތަކެއްގެ ތެރޭގައި ހިމެނޭ ލިޔުމަކުންނެވެ. މިމައްސަލައާ ގުޅިގެން މި ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އިންޑޮނީޝިޔާ ޚާރިޖީ ވުޒާރާ އިން ވަނީ ޖަކާޓާގައި ހުންނަވާ އޮސްޓްރޭލިޔާގެ ސަފީރު އެވުޒާރާއަށް ޙާޒިރުކޮށް އިހްތިޖާޖުގެ ލިޔުމެއް ވެސް އޭނާއާ ހަވާލުކޮށްފަ އެވެ.

މިމައްސަލާގައި މިހާތަނަށް އޮސްޓްރޭލިޔާ އިން ގެންގުޅެފައި ވަނީ ހަނުހުރުމުގެ ސިޔާސަތެކެވެ. މިމައްސަލަ ބޭޒާރުވުމާ ގުޅިގެން ތަންކޮޅެއްކުރިން ދެއްވި ބަޔާނެއްގައި އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ޓޯނީ އަބޫޓް ވަނީ ޖާސޫސީ ހަރަކާތްތަކާބެހޭ ގޮތުން މަޢްލޫމާތު ހާމަކުރުމަކީ އޮސްޓްރޭލިޔާ ސަރުކާރުން ކުރާކަމެއް ނޫންކަމަށް ވިދާޅުވެ އެގައުމުގެ ޕާލަމެންޓްގައި ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް އިންޑޮނީޝިޔާގެ ސަރުކާރުން މިމައްސަލަ ނަގަނީ ވަރަށް ސީރިޔަސް މައްސަލައެއްގެ ގޮތުގަ އެވެ. އެހެންކަމުން މިކަމުގެ ހަގީގަތް އިންޑޮނީޝިޔާ އަށް ހާމަކޮށްދިނުމަށް އޮސްޓްރޭލިޔާ އަށް މަޖްބޫރުވެގެންދާނެ ކަމަށާ މިއީ ހަގީގަތެއްނަމަ ދެގައުމުގެ ގުޅުންތަކަށް މިކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށް މުރާސިލުން ދެކެ އެވެ. (ނޫސްއެޖެންސީތައް)