ލޯކަލް ކައުންސިލްތަކުގެ އިންތިހާބު އަންނަ އަހަރުގެ ޖެނުއަރީ 18 ގައިބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ވަނީ އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފަ އެވެ.

ޓީވީއެމް އިން މިރޭ ގެނެސްދިން ރާއްޖެ މިއަދު ޕްރޮގުރާމް ގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ޑިރެކްޓަރު އަހްމަދު އަބޫބަކުރު ވިދާޅުވީ ކައުންސިލްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވީ ނަމަވެސް ފޯމްތައް ބަލައިގަތުމަށް ހަމަ ޖެހިފައި ވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ކަމަށެވެ. އަދި ފޯމް ހުށަހެޅުމަށް 14 ދުވަހުގެ މުއްދަތެއް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ 2011 ވަނަ އަހަރު ބޭއްވި ކައުންސިލް އިންތިހާބާއި ހިލާފަށް އަންނަ އަހަރު ބާއްވާ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން ކައުންސިލަރު ކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއިއެކު ކުށު ރިކޯޑުތައް ސާފްކުރުމަށްފަހު ފަހު ކޯޓުތަކުން ދޭ ލިޔުން އެ ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އަހުމަދު އަބޫބަކުރު ވިދާޅުވީ ކައުންސިލް އިންތިހާބު ބޭއްވުމަށް އިއުލާން ކޮށްފައިވާ ތާރީހަކީ ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބު ބޭއްވޭނެ ތާރީހު ކަމަށާއި އެ ތާރީހް ފަސްވެއްޖެ ނަމަ ގާނޫނުގައި ބުނެފައިވާ މުއްދަތުގެ ތެރޭގައި އިންތިހާބު ނުބޭއްވޭނެ ކަމަށެވެ. އަންނަ އަހަރުގެ ފެބްރުއަރީ 17 ވަނަ ދުވަހަށް މިހާރު އޮތް ކައުންސިލްތަކުގެ ދައުރު ހަމަވާއިރު ދައުރު ހަމަ ވުމުގެ 30 ދުވަސްކުރިން އިންތިހާބު ބާއްވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އަންނަ ޖެނުއަރީގައި ބޭއްވުމަށް ހަމަ ޖެހިފައިވާ ކައުންސިލްތަކުގެ އިންތިހާބުގައި 975 ރަށު ކައުންސިލަރުންނާއި 123 އަތޮޅު ކައުންސިލަރުންގެ އިތުރުން 17 ސިޓީ ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަ ޖެހިފަ އެވެ.