ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ހިންގާ އެކިއެކި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ސިފައިންނާއި ފުލުހުންނަށް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން ބުނެފި އެވެ.

އެފްއޭއެމްގެ ރައީސް އިލްހާމް އަޙްމަދު މިއަދު ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ސިފައިންނާއި ފުލުހުންނަށް އެ ގައުމުގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކުގައި ވާދަކުރުމުގެ ފުރުސަތު ލިބޭއިރު ރާއްޖޭގައި ވެސް އެ ފުރުސަތު ދިނުމަށް އޭނާ ބޭނުންފުޅުވާ ކަމަށެވެ.

"ސިފައިންނާއި ފުލުހުންނަށް ފުޓްބޯޅަ ކުޅެން ޖާގަދޭން އަޅުގަނޑު ގަސްދުކުރަން. އެހެން ވީމާ ސިފައިންނާއި ފުލުހުން ފުޓްބޯޅައިގެ ތެރެއަށް ވެއްދުމަށް އެ މައްސަލަ އެފްއޭއެމްގެ އެކްސްކޯއަށް އެޖެންޑާކުރާނެ ވާހަކަ އަޅުގަނޑު މި ފުރުސަތުގައި ދަންނަވަން،" އިލްހާމް ވިދާޅުވި އެވެ. "ބައެއް ބޭފުޅުންނަށް މިވާހަކަ އަޑުއަހަން އުނދަގޫ ވެސް ވެދާނެ. އެކަމަކު އަޅުގަނޑު ގަބޫލު ކުރަނީ އެހެން ގައުމުތަކެކޭ އެއްފަދައިން ސިފައިންނާއި ފުލުހުންނަށް ވެސް އެ ފުރުސަތު ލިބެން ޖެހޭނޭ ކަމަށް. އަދި ފީފާ އާއި އޭއެފްސީގައި ވެސް އަޅުގަނޑުމެން ވާހަކަ ދައްކައިފިން. އެހެންވެގެން މިހާ ލަސްވެގެން މިދަނީ."

އެފްއޭއެމްގެ ރައީސް ވިދާޅުވީ، ގައުމީ ފެންވަރުގެ ފުޓްބޯޅަ މުބާރާތްތަކުގައި ވާދަކުރަން ބޭނުންވާ ކަމަށް ސިފައިންނާއި ފުލުހުން ތަކުރާރުކޮށް އެދެމުންދާތީ އެ ކަމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ތިބޭފުޅުންގެ ތެރެއިން ހުނަރުވެރި ކުދިން އަޅުގަނޑު ގަބޫލުކުރަން ސިފައިންގެ ތެރެއަށް ވަޑައިގަންނަވާނޭ ކަމަށް ވެސް. އަދި ޕްރޮފެޝަނަލް މީހުން ވަޒީފާތަކަށް ވަޑައިގަންނަވާނެ ކަމަށް ވެސް. އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެން އެކަން ކުރަންޖެހޭނޭ ކަމަށް،" އިލްހާމް ވިދާޅުވި އެވެ.

"ވަރަށް ރިޕީޓްކޮށް ސިފައިންނާ ފުލުހުންވަނީ އަޅުގަނޑުމެން ކައިރީ އެދިފައި އެބޭފުޅުންނަށް ފުޓްބޯޅަ ކުޅެން ޖާގަދޭން. އަޅުގަނޑުމެންގެ ފުރަތަމަ ޑިވިޝަން، ދެވަނަ ޑިވިޝަން އަދި ތިންވަނަ ޑިވިޝަން ފުޓްބޯޅައިގެ ތެރެއަށް ވަދެ އެ ފުޓްބޯޅަ ކުޅެން ބޭނުންވެގެން އެފުރުސަތަށް އެދެމުން ދަނީ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް އެއަށް ޖަވާބު ނުދެވިގެން މިއުޅެނީ. އަޅުގަނޑު ގަބޫކުރަނީ އަޅުގަނޑުމެން އެކްސްކޯއަށް އެޖެންޑާކުރެވިގެން އެކްސްކޯއިން ނިންމާ ނިންމުމެއްގެ މައްޗަށް އަޅުގަނޑުމެން ތަބާވާން ޖެހޭނޭ ކަމަށް."

އެފްއޭއެމްގެ ރައީސް އިތުރަށް ވިދާޅުވީ، ފީފާއާއި އޭއެފްސީއިން ވެސް ލަފާދީފައިވަނީ، އެފްއޭއެމްގެ އެކްކޯގައި ގޮތެއް ނިންމައި އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް ސިފައިންނާއި ފުލުހުންނަށް އެ ފުރުސަތު ދިނުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"ފީފާއާ އޭއެފްސީން ލަފާދީފައިވަނީ އެކްސްކޯގައި އެޖެންޑާ ކުރެވިގެން އެ ނިންމަންޖެހޭ ނިންމުންތަކެއް ނިންމަން. އަދި ދުނިޔޭގެ ބައެއް ގައުމުތަކުގައި އެކަން ކުރާތީއާއެކު ސިފައިންނާއި ފުލުހުންނަށް އެ ފުރުސަތު ދިނުމަކީ މުހިއްމު ކަމެއް ކަމަށް. އަޅުގަނޑު މި އަންނަ ހަފްތާގައި އިންޝާﷲ، އެޖެންޑާ ކުރާނަން ފުލުހުންނާއި ސިފައިން ފުޓްބޯޅައިގެ ތެރެއަށް ވެއްދުމަށް،" އިލްހާމް ވިދާޅުވި އެވެ.