އެމެރިކާ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޝެލް ޖޭ. ސިސޯން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ އަރިއަހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް އެ ބައްދަލުކުރެއްވުމުގައި މި މަހުގެ 16 ވަނަ ދުވަހު އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި މި މަހުގެ 17 ވަނަ ދުވަހު ރައީސް ކަމުގެ ހުވާކުރެއްވުމާ ގުޅިގެން އެމެރިކާ ސަރުކާރުން ރައީސުލްޖުމްހޫރިއްޔާ އަށް މަރުޙަބާއާއި ތަހުނިޔާ ވިދާޅުވި ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު މިވަގުތު އެންމެ އިސްކަމެއް ދެއްވާ އެއްކަމަކީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތައް ނައްތާލައްވައި، ގައުމުގައި ޢަމާން މާޙައުލެއް ގާއިމުކޮށްދެއްވުމަށް މަސައްކަތް ކުރެއްވުން ކަމަށް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.


އެމެރިކާ އާއި ދިވެހި ރާއްޖެއާއި ދެ ގައުމުގެ ދެމެދުގައި އޮތް ގާތްގުޅުމާއި އެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.