ގައުމީ ޓީމަށް ދިމާވެފައިވާ ގޮންޖެހުންތަކުން ސަލާމަތްކޮށް ސަރުކާރުގެ ތެރެއިން ހޯދެވެން އޮތް އެހީތެރިކަމެއް ގައުމީ ޓީމަށް ހޯއްދަވައިދެއްވާނެ ކަމަށް އެ ޓީމުގެ މެނާޖަރު ކަމަށް މިއަދު ހަމަޖެއްސި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފް (މަހޭ) ވިދާޅުވެއްޖެ އެވެ.

ގައުމީ ޓީމްގެ މެނޭޖަރު އިއުލާނުކުރުމަށް މިއަދު ހަވީރު ނަސަންދުރަ ޕެލަސް ހޮޓެލްގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހޭ ވިދާޅުވީ އެ މަގާމާ ހަވާލުވަނީ އެއީ ކިހާވަރެއްގެ މަގާމެއްކަން އެނގި ހުރެ ކަމަށާއި އަދި އެ ކަމަށް ވަރަށް ރަނގަޅަށް ތައްޔާރުވެގެން ހުންނެވި ކަމަށެވެ.

"މިއީ އަޅުގަނޑުގެ ވެސް ފުރަތަމަ ތަޖްރިބާ. އަޅުގަނޑުވެސް ޖެހޭނީ މިކަން ވޭތޯ ބަލަން. އެކަމަކު ވޭތުވެ ދިޔަ ހައެއްކަ އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ މީހުންނާއެކު ވަރަށް ގިނަ މަސައްކަތްތަކެއް އަޅުގަނޑު ކޮއްފިން، މިއަށްވުރެ މާ ބޮޑެތި ގްރޫޕްތަކާއެކު ވެސް،" މަހޭ ވިދާޅުވި އެވެ. "ގައުމީ ޓީމްގައި މި ހިމެނެނީ ޖުމްލަކޮށް 25 ވަރަކަށް ކުޅުންތެރިން. އެހެންވީމާ 25 ކުޅުންތެރިން މެނޭޖް ކުރުމަކީ އަޅުގަނޑު ނުދެކެން އަޅުގަނޑަށް އުނދަގުލަކަށް ވެދާނޭހެނެއް،"

މަހޭއަކީ ކުރިން ގައުމީ ޓީމުގެ 16 އަހަރުން ދަށާއި 19 އަހަރުން ދަށާއި އަދި 23 އަހަރުން ދަށުގެ ޓީމަށާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އަދި ކްލަބް ވެލެންސިޔާއަށް ވެސް ކުޅެފައިވާ، ކުޅިވަރުގެ ދާއިރާގައި ހިންގުންތެރި ޒުވާނުންނާ ގުޅިގެން މަސައްކަތްކުރައްވާ ފަރާތެކެވެ.

އެފްއޭއެމްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު ވިދާޅުވީ، ގައުމީ ޓީމަށް މެނޭޖަރަކު ހަމަނުޖައްސައި ގިނަ ދުވަސްތަކެއް ވެގެން ދިޔައީ، އެ މަގާމަށް ރަނގަޅު މީހަކު ހޯދުމަށް ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމީ ޓީމް ސީޝެލްސްއަށް ފުރުމުގެ ކުރިން މެނޭޖަރެއް ހަމަޖައްސަން އެބަ ޖެހޭ. އަދި އެ ފަރާތަކީ ފުޓްބޯޅައިގެ ދާއިރާއާ ގުޅުން ހުރި ބޭފުޅަކަށް ވެސް އެބަ ވާންޖެހޭ ގައުމީ ޓީމަށް މެނޭޖަރަކު އައްޔަން ކުރާއިރު އޭގެ ޒާތައް ބަލާއިރު،" އިލްހާމް ވިދާޅުވި އެވެ. "އަޅުގަނޑު މި ހަމަޖެއްސީ ފުޓްބޯޅަ ވެސް ކުޅުއްވަން އުޅުއްވި ބޭފުޅެއް. އަޅުގަނޑު ގަބޫލު ކުރަނީ ހުރިހާ ބޭފުޅުންވެސް ވަރަށް ރަހަ ހެޔޮވަރު އަނެއްކާ ވަރަށް ގިނަ ބޭފުޅުންނާވެސް ގުޅުންހުރި ބޭފުޅެއްހެން އަޅުގަނޑުމެން މި ކަނޑައެޅީ."

އިލްހާމް ވިދާޅުވީ ރާއްޖެ އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާފައިވާ ދަނޑިވަޅެއްގައި މަހްލޫފު ފަދަ ގިނަ ފަރާތްތަކަކާ ގުޅުން ރަނގަޅު ބޭފުޅަކު އެ މަގާމަށް ހަމަޖެއްސުމުން އެފްއޭއެމްއަށް ވެސް ރަނގަޅު ކުރިއެރުންތަކެއް ލިބޭނޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މަހްލޫފު ގައުމީ ޓީމުގެ މެނޭޖަރު ކަމާ ހަވާލުވުމާ ގުޅިގެން އަޅުގަނޑުމެން ގައުމީ ޓީމަށް ބޭނުންވާ ތަފާތު ކަންތައްތައް ކުރުމުގެ ފުރުސަތުތަކެއް ފަހިވެގެން ދާނެ. ސަބަބަކީ މަހްލޫފާ ރާއްޖޭގެ ވަރަށްގިނަ ވިޔަފާރިވެރިންނާ ވަރަށް ހާއްސަ ގާތް ގުޅުމެއް އޮންނާނެ. އަދި ބެރުފަރާތްތަކާ ވެސް ވަރަށް ގާތް ގުޅުމެއް އޮންނާނެ. އަދި ރައްޔިތުންގެ މަޖިލިސް ތެރެއިން ވެސް ކަމެއް ކުރަން ބޭނުންވެއްޖެ ނަމަ އަޅުގަނޑަށް ވުރެ ބޮޑަށް ނުވަތަ އަޅުގަނޑާ އެއް ލެވެލްއަކަށް ހިފާ މަސައްކަތްކުރުމުގެ ތަޖްރިބާއާ ހުނަރު ވެސް މަހްލޫފުގެ ހުންނާނެ،" އިލްހާމް ވިދާޅުވި އެވެ.

މަހޭ ވިދާޅުވީ، މިހާރު އޮތް ސަރުކާރުގެ ތެރެއިން ހޯދެން އޮތް އެހީތެރި ކަމެއް ގައުމީ ޓީމަށް ހޯއްދެވުމަށް މަސައްކަތް ކުރައްވާނޭ ކަމަށާއި އަދި ގައުމީ ޓީމްގެ މެނޭޖަރު ކަމުގެ މަސްއޫލިއްޔަތުތައް އޭނާއަށް އަދާ ނުކުރެއްވޭ ނަމަ، އެކަން ރަނގަޅު ކުރުމަށް އެހެން ބަޔަކަށް ފުރުސަތު ދެއްވާނޭ ކަމަށެވެ.

"ގައުމީ ޓީމުގެ މެނޭޖަރު ކަމަކީ އަޅުގަނޑަށް ނުވާވަރުގެ ކަމެއް ވެއްޖިއްޔާ ނުވާވަރުގެ ކަމަކާ ހަވާލުވެގެން ހުންނާކަށް ނުހުންނާނަން. އެ ހިސާބުން އެންމެ ރަނގަޅު ވާނީ އެކަން ކުރެވޭ ވަރުގެ ބަޔަކާ ހަވާލު ކުރުން. އަޅުގަނޑަށް ވަރަށް ޔަގީންކަން އެބައޮތް އަޅުގަނޑަށް މިކަން ކުރެވޭނެކަން. އެކަމަކު ހުރިހާ ކުޅުންތެރިންނާއި އެފްއޭއެމްގެ އެއްބާރުލުން އަޅުގަނޑަށް ވަރަށް ބޮޑަށް ބޭނުންވާނެ،" މަހޭ ވިދާޅުވި އެވެ. "މިއަދު ދެން ސަރުކާރާއި މަޖިލިސް ތެރޭގައި ބައިވެރިވެވިފައި ހުރި މީހެއްގެ ގޮތުން ހަމަ އެކަހަލަ މައްސަލަތައް ހައްލު ކުރަން އަޅުގަނޑަށް ވަރަށް ބޮޑު ފުރުސަތަކަށް ވާނޭހެން ހީވަނީ. އަޅުގަނޑުގެ ބޮލުގައި އެބަހުރި އެކަންކަން ރަނގަޅުކުރަން ކީއްތޯ ކުރާނީ."

ގައުމީ ޓީމުގެ އާ މެނޭޖަރު އިތުރަށް ވިދާޅުވީ އޭނާގެ މަގާމުގެ މަސްއޫލިއްޔަތުގެ ގޮތުން އެންމެ ފުރަތަމަ ކަމަކަށް އިސްކަންދެއްވާނީ ސީޝެލްސްގައި ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ޓީމުގެ ކުޅުންތެރިން "މޯޓިވޭޓް" ކުރުން ކަމަށެވެ.

"އެންމެ ފުރަތަމަ ކަމަކަށް މިއޮތީ ސީޝެލްސްގައި ކުޅެން ހަމަޖެހިފައިވާ މެޗުތައް. އެ މެޗުތަކަށް ކުޅުންތެރިންގެ މޯޓީވޭޝަން ރަނގަޅު ކުރުމަށް އަޅުގަނޑަށް ކޮށްދެވެން އޮތް މަސައްކަތެއް ކޮށްދީގެން ރަނގަޅު ނަތީޖާއެއް ނެރެވޭތޯ ބަލާނަން. ދެން މިރޭގެ ޕްރެކްޓިސްގައި އަޅުގަނޑު ހަމަ ބައިވެރި ވާނަން" މަހޭ ވިދާޅުވި އެވެ.