18 Nov 2013, 19:01
ޕަވާ ހޯސް ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ބުރުގައި ޕޮލިސް ކުލަބް ކުޅުނު ފުރަތަމަ މެޗް ކާމިޔާބުކޮށް ފެށުން ރަނގަޅު ކޮށްފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭކޯޓުގައި މިއަދު ހަވީރު ކުޅުނު އެމެޗް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ ކުލަބް ޕީކޭ އާ ވާދަކޮށް 3-1 ސެޓުން މެޗް ކާމިޔާބު ކޮށްގެންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެމެޗުގެ ފުރަތަމަ ސެޓް 29-27 އިން ކާމިޔާބު ކުރީ ކުލަބް ޕީކޭއިންނެވެ. އަދި މެޗުގެ ފަހު ތިން ސެޓް ކާމިޔާބުކުރީ ޕޮލިސް ކުލަބުންނެވެ. އެއީ 25-22، 25-23 އަދި 25-23 އިންނެވެ.
މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ދެ ވަނަ ބުރުގައި ޕޮލިސް ކްލަބަށް ގެނައި އިންޑިޔާގެ ގައުމީ ޓީމަށްކުޅޭ ހުނަރުވެރި ކުޅުންތެރިއެއްކަމަށްވާ ޕްރަބާގަރަން އެވެ.
މުބާރާތުގެ ދެ ވަނަ މެޗުގައި މިރޭ 8:30ގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ޔޫތު ސްޕޯޓްސް ކުލަބެވެ.