މެނިފެސްޓޯގައި ހުރި ކަންތައް ތަންފީޒު ކުރުމަށް ޓަކައި 100 ދުވަހުގެ ރޯޑުމެޕެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން އެގޮތަށް ވިދާޅުވީ ސްޓެލްކޯގައި މިއަދު ހަވީރު ބޭއްވި ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަށް ފަހު ނޫސްވެރީންނާ ވާހަކަފުޅު ދައްކަވަމުން ނެވެ.

އެމަނިކުފާނު ވިދާޅުވީ އެ 100 ދުވަހުގެ ތެރޭގައި 30 ވަނަ ދުވަހާއި 45 ވަނަ ދުވަހާ ހަމައަށް ދާއިރު ތަންފީޒު ކުރަން ފަށާ ކަންތައްތައް އައުޓުލައިން ވެގެންދާނެ ކަމަށެވެ.

"މެނިފެސްޓޯގައި ހުރި ކަންތައް ތަންފީޒު ކުރުމަށް ޓަކައި ފުރަތަމަ އަޅުގަނޑުމެން މި ފަށައިގަންނަނީ 100 ދުވަހުގެ ރޯޑް މެޕެއް. އެ މަސައްކަތް ބަޔަކު ފަށައިފި. ދެން އިރާދަކުރެއްވިއްޔާ އެ 100 ދުވަހުގެ ތެރޭގައި 30 ވަނަ ދުވަހު 45 ވަނަ ދުވަހާ ހަމައަށް ދާއިރު ތަންފީޒު ކުރަން ފަށާ ކަންތައްތައް އައުޓުލައިން ވެގެންދާނެ. އިރާދަކުރެއްވިއްޔާ އެކަން އަޅުގަނޑުމެން ހާސިލް ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މެނިފެސްޓޯގައި ޒުވާނުންނާއި މަސްވެރީންނަށް ކޮށްދޭން ބުނެފައި ހުރި ކަންތައްތައް ތަންފީޒު ކުރުމަށް ޓަކައި ކޮމެޓީއެއް އެކުލަވާލައި އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެން މެނިފެސްޓޯގައި ޒުވާނުންނަށް ކޮށްދޭން ބުނެފައި ހުރި ކަންތައްތައް ދެން މަސްވެރީންނަށް ކޮށްދޭން ބުނެފައި ހުރި ކަންތައްތައް ކޮމެޓީތަކެއް ނަގައިގެން އެކަންތައްތައް އިންޕްލިމެންޓް ކުރުމަށް ޓަކައި މަސައްކަތްތަކެއް ފެށިގެން ކުރިއަށް ދަނީ،" ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގިނަ ރައްޔިތުން ބުނާ ގޮތުން ކުދިކުދި ރަށްތަކަށް ގިނަ ކައުންސިލަރުން ބޭނުން ނުވާނެ ކަމަށާއި ކައުންސިލް އިންތިޚާބުގެ ކުރިން ކައުންސިލަރުންނަށް މުސާރަދޭނެ އޮނިގަނޑަކާއި ކައުންސިލަރުން ތިއްބަވާނެ އަދަދުތައް އަލުން މުރާޖާކޮށް ކަނޑައަޅައި ދިނުމަށް މަޖިލީހުގެ ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ.

ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށާއި އެގޮތުން ރިކަރަންޓް ޚަރަދުގެ ތެރެއިން އުނިކުރެވެން ހުރި އައިޓަމްތަކުން ފައިސާ އުނިކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރިކަރަންޓް ޚަރަދުގެ ތެރެއިން ފައިސާ އުނިކުރުމުން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ބަޖެޓުގެ ބޮޑު އާމްދަނީއެއް ރިކަރަންޓް ޚަރަދުގެ ތެރެއިން ސަލާމަތް ކުރެވިދާނެ. ބިލިއަނަކަށް ވުރެ ބޮޑު އަދަދެއް ސަލާމަތް ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 16.4 ބިލިއަން ރުފިޔާގެ ބަޖެޓް ރިވައިސް ކުރުމަށް ފަހު އަލުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ބަޖެޓަށް ބޮޑެތި ބަދަލުތަކެއް އަޅުގަނޑުމެން ގެންނާނަން. މި ބަޖެޓަށް ގެންނަ ބަދަލުތަކަކީ އަޅުގަނޑުމެން އިންތިޚާބުގެ ތެރޭގައި އަޅުގަނޑުމެންގެ ޕާޓީތަކުން ކޮށްދޭން ބުނެފައި ހުރި ކަންތައްތަކަށް އެޑްރެސްކުރާ ބަޖެޓަކަށް މި ބަޖެޓް އެބަޖެހޭ ބަދަލުވާން. އެހެންވީމާ އެގޮތަށް ބަދަލުވެގެންދާނެ،"

ރައީސް ވިދާޅުވީ ޕީޕީއެމާއި އިއްތިހާދުވެފައިވާ ޕާޓީތަކަށް ވެސް މިނިސްޓަރުކަން ލިބިގެންދާނެ ކަމަށާއި އެގޮތުން ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހީމް އައްޔަން ކުރެއްވުމަކީ އޭގެ މިސާލެއް ކަމަށެވެ.

ބައެއް ވުޒާރާތަކަށް މިނިސްޓަރުން އައްޔަން ކުރެވިފައި ނުވަނީ ޕާޓީތަކުން ނަންފުޅުތައް އަދި ފޮނުވާފައިނުވާތީ ކަމަށާއި ޕާޓީތަކުން ނަންފުޅުތައް ލިބުނުހާ އަވަހަކަށް އިތުރު ވުޒާރާތަކަށް މިނިސްޓަރުން އައްޔަން ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ބޯޑުތަކަށް ވެސް ވަޑައިގަންނަވަން ޖެހޭނީ ނަތީޖާ ނެރެވޭނެ ފެންވަރުގެ ތައުލީމާއި ތަޖުރިބާ ހުރި ބޭފުޅުން ކަމަށެވެ. އެގޮތުން ކުންފުނިތަކުގެ ބޯޑުތަކަށާއި އަދި އެނޫން ވެސް މަގާމްތަކަށް އައްޔަންކުރައްވާ ބޭފުޅުންގެ ނަންތައް ފޮނުވާ އިރު އެކަމަށް ސަމާލުކަން ދެއްވުމަށް ޕާޓީތަކުގައި ދަންނަވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.