މި އަހަރުގެ ޖޫން މަހުގެ ތެރޭ ތ. ކިނބިދޫގައި ނުވަ މަހުގެ ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި އިންޑިޔާގެ ރުބީނާ ބުރުހާނުއްދީނުގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކޮށްފި އެވެ.


އިންޑިޔާގެ ރުބީނާ ބުރުހާނުއްދީންގެ މައްޗަށް ދައުވާކޮށްފައިވަނީ ޖޫން 27، 2010ގައި އޭނާގެ  ފިރިމީހާ ތ. ކިނބިދޫ އަލިތަރި، ހަސަން ޖާބިރު ދެކެ ހިތްހަމަ ނުޖެހި ރުޅި އައިސްގެން އެ ދެ މީހުންގެ ނުވަ މަހުގެ ފިރިހެން ދަރިފުޅު، އަހުމަދު ސާއިބު މަރާލުމުގެ ބޭނުމުގައި ރުބީނާ އެ ކުއްޖާގެ މޫނު މަތީގައި ބާލީސް އަޅައި މަރާލާފައިވާތީ އެވެ.


ރުބީނާ ބުރުހާނުއްދީނުގެ މައްޗަށް ދައުވާ ކުރުމަށް ފަހު މިއަދު އޭނާގެ މައްޗަށް ޝަރީއަތް ހިންގުމަށް ކޯޓުގައި ތާވާލު ވެސް ކުރި އެވެ. ނަމަވެސް ދިމާވި މައްސަލައަކާ ހުރެ އެ މައްސަލައިގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިއަދު ހިންގޭ ގޮތެއް ނުވި އެވެ.


މައްސަލައިގެ ޝަރީއަތް ނުހިންގުނީ ކީއްވެގެން ކަމެއް ކްރިމިނަލް ކޯޓަކުން ނުބުނެ އެވެ.


ސާއިބު މަރުވެގެން ފުރަތަމަ ހޮސްޕިޓަލަށް ގެންދިޔައިރު އެއްވެސް ޒަހަމެއް ފެންނާކަށް ނެތެވެ. ނަމަވެސް ފަހުން ފުލުހުން ވަނީ ސާއިބުގެ މަރާ ގުޅިގެން ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމުން ތަހުގީގު ހިންގާފަ އެވެ.