ޑީއާރުޕީގެ ލީޑަރުކަމުން އަހުމަދު ތަސްމީން އަލީ އިސްތިއުފާ ދެއްވިތާ 24 ގަޑިއިރު ނުވަނީވެސް އެ ޕާޓީގެ ނައިބު ލީޑަރުގެ މަގާމުގައި ތިއްބެވި ތިން ބޭފުޅުންގެ ތެރެއިން ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އާއި ވިލިނގިލީ ދާއިރާގެ މެމްބަރު މުހައްމަދު ރާމިޒް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޑީއަރުޕީގެ ވަގުތީ ލީޑަރު ކަމަށް މިއަދު އައްޔަން ކުރި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) "ސަން"އާ ވާހަކަފުޅު ދައްކަމުން ވިދާޅުވީ، ރާމިޒްގެ އިސްތިއުފާގެ ސިޓީ އެ ޕާޓީއަށް ހުށަހަޅުއްވާފައިވާ ކަމަށާއި އޭނާ އިސްތިއުފާ ދެއްވި ސަބަބު ހާމަނުކުރައްވާ ކަމަށެވެ.

ޑީއާރުޕީގެ ނައިބު ލީޑަރުކަމުން މިއަދު އިސްތިއުފާ ދެއްވި ރޮޒައިނާ އާދަމް ވިދާޅުވީ، ޕާޓީގެ ލީޑަރު ކަމުން އިސްތިއުފާދެއްވީ އެ ބޭފުޅާގެ ވިސްނުން މިހާރު ހުރީ ސަރުކާރު ޒިންމާދާރު ކުރަން މަސައްކަތް ކުރާ ޕާޓީއަކާ ގުޅުމަށެވެ.

ޑީއާރްޕީގެ ނައިބު ލީޑަރުކަމުން ރޮޒައިނާ އާއި ރާމިޒް އިސްތިއުފާ ދެއްވުމުން އެ ޕާޓީގެ ކޮންގްރެސްއިން ލީޑާޝިޕަށް އިންތިހާބު ކުރި އެއްވެސް ބޭފުޅަކު އިސް މަގާމެއްގައި ނެތެވެ. މިއަހަރު އެޕްރީމް މަހު ބޭއްވި ޑީއާރްޕީގެ ހަތަރުވަނަ ކޮންގްރެސްގައި އެ ޕާޓީގެ ނައިބު ލީޑަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް ވެސް އިންތިހާބު ކުރި އެވެ. ނަމަވެސް އޭނާ ވަނީ އެ ޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.

ރޮޒައިނާ ވަނީ އެމްޑީޕީއާ ގުޅިވަޑައި ގަންނަވާނެ ކަމަށް ސޯޝަލް މީޑިއާގައި ވިދާޅުވެފަ އެވެ. ތަސްމީން ވެސް ވަނީ އެމްޑީޕީއަށް ތައުރީފު ކުރައްވައި، ނަޝީދަށް ތާއިދު ކުރެއްވުނީތީ ފަހުރުވެރިވާ ކަމަށް ސޯޝަލް މީޑިއާގައި ވިދާޅުވެފަ އެވެ.