18 Nov 2013, 17:30
ޑީއާރުޕީގެ ލީޑަރު ކަމުން އަހުމަދު ތަސްމީން އަލީ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ޕާޓީގެ ވަގުތީ ލީޑަރު ކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އައްޔަންކޮށްފި އެވެ.
ކާނަލް އެ މަގާމަށް އައްޔަން ކުރީ މީގެ އިރުކޮޅެއް ކުރިން ބޭއްވި ޑީއާރުޕީ ކައުންސިލް ބައްދަލުވުމެއްގައި އެވެ. ކާނަލް އެ މަގާމަށް ހޮވުނީ ކައުންސިލް ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 13 މެމްބަރުންގެ އިއްތިފާގުންނެވެ.
ޑީއާރުޕީގެ ވަގުތީ ލީޑަރު ކަމަށް ކާނަލް އިންތިހާބު ކުރެއްވިއިރު، މިހާރު ވެސް އެޕާޓީގެ ތިން ނައިބު ލީޑަރުން ތިއްބަވަ އެވެ. އެއީ މުހައްމަދު ޝަރީފް (މަވޯޓާ) އާއި ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި ވިލިނގިލީ ދާއިރާގެ މެމްބަރު މުހައްމަދު ރާމިޒް އެވެ.
ތަސްމީން ޑީއާރުޕީގެ ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވި އިރު އެ ޕާޓީގެ ބައެއް އިސް މެމްބަރުން މިހާރު ވަނީ އެމްޑީޕީއާ ގުޅުމަށް ނިންމައިފަ އެވެ.
ރޮޒައިނާ ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ތަސްމީންގެ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވުނީތީ ފަހަރުވެރިވާ ކަމަށާއި ޕީޕީއެމް ހަނި އަޣުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރިއަސް މުސްތަގްބަލް ވަނީ އެމްޑީޕީއާ އެކު ކަމަށެވެ.
ސެޕްޓަމްބަރު މަހު ބޭއްވި އަދި ފަހުން ސުޕްރިމް ކޯޓުން ބާތިލުކުރި ރިޔާސީ އިންތިހާބުގައި ތަސްމީން ތާއީދު ކުރެއްވީ ޑރ. މުހައްމަދު ވަހީދުގެ ރަނިންމޭޓެއްގެ ގޮތުގަ އެވެ. އެ ފަހަރުގެ އިންތިހާބުގައި ރައީސް ވަހީދަށް ފަސް ޕަސެންޓު ލިބި ނާކާމިޔާބީއާ ކުރިމަތިވަޑައިގަތުމުން، ދެން ތަސްމީން ތާއީދު ކުރެއްވީ އެމްޑީޕީގެ ރިޔާސި ކެންޑިޑޭޓް މުހައްމަދު ނަޝީދަށެވެ.