ޕީޕީއެމްގެ މެނިފެސްޓޯގައި ހުރި ކަންތައްތަކާއި އަދި އެ ޕާޓީއާ ގުޅިގެން މަސައްކަތްކުރާ އެހެން ޕާޓީތަކުގެ މެނިފެސްޓޯގައި ހުރި ކަންތައްތައް ތަންފީޒު ކުރައްވަން އިއްޔެ ފައްޓަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބައްދަލުކޮށްލެއްވުމަށް ފަހު ޔާމިން ވިދާޅުވީ މެނިފެސްޓޯގައި ހުރި ކަންތައްތަކުގެ ފައިދާ ރައްޔިތުންނަށް ވީހާ އަވަހަކަށް ފެނިގެން ދިޔުމަށް ބޭނުންފުޅުވާ ކަމަށެވެ. އަދި މިކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުންނާއި، ގުޅިފައިވާ އިއްތިޙާދުގައި ތިއްބެވި މެންބަރުންގެ އެއްބާރުލެއްވުން ބޭނުންފުޅުވާނެ ކަމުގައި ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މެނިފެސްޓޯގައިވާ ކަންތައްތައް ޙާޞިލު ކުރުމުގައި، އެންމެ ބޮޑަށް ބޭނުން ވަނީ ފައިސާގެ ވަސީލަތް ކަމަށާއި ފައިސާ ހޯދުމަށާއި އަދި ސަރުކާރުގެ ޚަރަދުތައް ކުޑަކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވި އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ވަޑައިގަތީ، ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހިތްވަރު ދެއްވައި، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެއްވަން ބޭނުންވާ ހުރިހާ ޚިދްމަތްތަކެއް ފޯރުކޮށްދެއްވުމުގަޔާއި އަދި ދެއްވަންވާ ހުރިހާ ސިޔާސީ އެއްބާރުލުމާއި، ޕާޓީގެ ފަރާތުން ކޮށްދެއްވަންޖެހޭ ހުރިހާ ކަމެއް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކޮށްދެއްވުމުގެ ފުރިހަމަ ޔަޤީންކަން ދެއްވުމަށްޓަކައެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު، ކުރީގެ ރައީސް މައުމޫން ވިދާޅުވީ މެނިފެސްޓޯގައިވާ ކަންތައްތައް ކުރިއަށް ގެންދެވުމަކީ، ޕާޓީގެ ފަރާތުން ވެސް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށާއި އެ މަސައްކަތްތައް ވަރަށް ރަނގަޅަށް ފައްޓަވައިގެން ކުރިއަށް ގެންދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި މިހާރު މިއުފެދުނު ސަރުކާރަކީ، އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި، ރައްޔިތުންނަށް އެކަށީގެންވާ ރަނގަޅު ޚިދްމަތްތަކެއް ކޮށްދޭނެ އަދި ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދޭނެ ސަރުކާރަކަށްވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.