18 Nov 2013, 16:45
ރައީސް އޮފީހުގައި ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގައި މިއަދު ހަވީރު ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުމަކަށް ފަހު ނޫސްވެރީންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް އޮފީހުގައި ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރައްވާފައި ވަނީ އިއްޔެ ކަމަށެވެ.
"ރައީސް އޮފީހުގަ ވެސް އިއްޔެ އަޅުގަނޑުމެން ނިންމައިފިން ސިޔާސީ މަގާމްތަކުގައި ތިއްބެވި ބޭފުޅުން މި ވަގުތު ރައީސް އޮފީހަށް ޚިދުމަތް ނުކުރާ ގޮތަށް. އެހެންވީމަ ރައީސް އޮފީހުގައި ކުރިން ހުރި ސިޔާސީ މަގާމްތަކެއް ނުހުންނާނެ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް އޮފީހުގައި ހުރި ސިޔާސީ މަގާމްތައް އުވާލި ގޮތަށް، ސަރުކާރުގެ އެހެން މުއައްސަސާތަކުގައި ވެސް ހުރި ސިޔާސީ މަގާމުތައް މަދުވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އޮފީސް އޮފީހުގައި ހުރި ސިޔާސީ މަގާމްތައް ރައީސް އޮފީހުން މިދައްކާ މިސާލު ބަލައިގަނެގެން އޮފީސްތަކުގައި ހުރި ސިޔާސީ މަގާމްތައް ވެސް މަދުވެގެން ދާނެ. އެ މަސައްކަތް އެ ފެށެނީ،" ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މެނިފެސްޓޯގައި ހުރި ކަންތައް ތަންފީޒު ކުރުމަށްޓަކައި ރައީސް އޮފީހުގެ އިދާރީ ކަންކަމަށް ބަދަލުގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ވިދާޅުވީ ރައީސް އޮފީސް ރީ ސްޓްރަކްޗާ ކުރުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.