ޗެލްސީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރުއިން އަންނަ އަހަރުގެ ވޯލްޑްކަޕްގައި ކުޅެން ބޭނުންނަމަ ފުލްކޮށް ކުޅެން ފުރުސަތު ލިބޭ ޓީމަކަށް ބަދަލުވުމަކީ މުހިއްމު ކަމެއް ކަމަށް ބުނެ، އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު އެޑެން ހަޒާޑް ނަސޭހަތްތެރިވެއްޖެ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ބެލްޖިއަމް ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން 22 އަހަރުގެ މިޑްފީލްޑަރު، ލޯނެއްގެ ދަށުން ޖަރުމަނުގެ ވާޑަބްރެމަން އަށް ކުޅުމަށްފަހު އެނބުރި ޗެލްސީއާ ގުޅުނުފަހުން އެޓީމުގެ ކޯޗު ހޯޒޭ މޮރީނިއޯގެ ފުރަތަމަ އެގާރައިން އޭނާއަށް ޖާގަދީފައިވަނީ އެންމެ ހަތަރު މެޗުގަ އެވެ. އަދި އެ ހަތަރު މެޗުގައިވެސް 90 މިނިޓް ކުޅުމުގެ ފުރުސަތު ޑި ބްރުއިންއަށް ލިބިފައެއް ނުވެއެވެ.

"އަހަރެއް ވަންދެން ކުޅުމާ ދުރުގައި ހުރެފައި ވޯލްޑް ކަޕްގައި ކުޅުމަކީ ފަސޭހަކަމެއް ނޫން. އަހަރެން ދެކޭގޮތުގައި އެހެން ޓީމަކަށް ބަދަލުވެ ރަނގަޅަށް ކުޅުން އެއީ އޭނާއަށް އެންމެ ރަނގަޅުގޮތް،" ބެލްޖިއަމްގެ ނޫހެއް ކަމަށްވާ ވީއާރްޓީ އަށް ހަޒާޑް ބުންޏެވެ.

ބުރާސްފަތި ދުވަހު ކޮލަމްބިއާ އަތުން 2-0 އިން ބެލްޖިއަމް ބަލިވި މެޗު ބަލާލުމަށް މޮރީނިއޯ ހާޒިރުވި އެވެ. އެހެން ނަމަވެސް ހުސްވި ސީޒަންގައި ޑިބްރުއިންގެ ފަރާތުން ފެނިގެންދިޔަ ފަދަ މޮޅުކުޅުމެއް އެ މެޗުގައި އޭނާގެ ފަރާތުން ފެނިފައެއް ނުވެއެވެ.

"ކެވިންގެ ފަރާތުން ރަނގަޅު ކުޅުމެއް އަހަރެމެން ބޭނުންނަމަ އޭނާ އެބަޖެހޭ އެހެން ޓީމަކަށް ބަދަލުވާން،" ހަޒާޑް ބުންޏެވެ.

އަންނަ ޖެނުއަރީ ޓްރާންފާގައި ޖަރުމަނު ލީގުގެ ޓީމަކަށް ބަދަލުވުމަށް ޑި ބްރުއިން މިހާރު ވެސް ދަނީ ތައްޔާރުވަމުންނެވެ. އޭނާއަށް ފުލްކޮށް ކުޅެން ފުރުސަތު ލިބޭ ރަނގަޅު ޓީމަކަށް ބަދަވެވިއްޖެ ނަމަ އަންނަ އަހަރުގެ ޖޫންމަހުގައި ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ކުރިން އަދިވެސް އޭނާ ކުރިން ހުރި ފޯމަށް އެނބުރި އައުމުގެ ފުރުސަތު ބޮޑެވެ.