18 Nov 2013, 15:59
ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ، އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް ފުރުސަތު ދޭން ޖެހޭ ކަމަށް މެންބަރުން ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު މަޖިލީޙަށް ހުށަހަޅާފައިވާ 16.4 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރުމުގެ މަރުހަލާގައި ސަރުކާރު ޕީޕީއެމްގެ ނައިބު ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ސަރުކާރުން ބޭނުންވާ ކަންކަން ހިންގުމަށް މަގުފަހިވާނެ ގޮތަށް ބަޖެޓް ހުށަހެޅުމަށް ބަޖެޓަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ބަޖެޓަށް ބަދަލު ގެނެސްގެން ނޫނީ ސަރުކާރުގެ ވައުދުތައް ނުފުއްދޭނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ދަންނަވާނީ މިހާރު ހުށަހަޅާފައިވާ ބަޖެޓަށް މިހާރު މި އޮތް ގޮތަށް ބަހުސްކުރުމުގެ ބޭނުމެއް ނެތް. އެހެން މިދަންނަވާލަން ޖެހެނީ މިހާރު މި އޮތް ބަޖެޓަކީ މިހާރު މި އޮތް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓަކަށް ނުވާތީ. މި ބަޖެޓް އެބަ ޖެހޭ ސަރުކާރުން އަލުން ބައްލަވައި ދިރާސާކޮށް ސަރުކާރުން ބޭނުންވާ ކަންތައްތަކަށް މަގުފަހިވާ ގޮތަށް މި ބަޖެޓް ތައްޔާރުކުރަން. އެގޮތަށް މެނުވީ ވެރިކަމަށް ވަޑައިގަތުމަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދިދާނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަރުކާރާ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ވެސް ވިދާޅުވީ އާ ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބަޖެޓަށް ބަދަލު ގެނަން ބޭނުންވާ ކަމުގައިވާ ނަމަ މިހާރު ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި ސަރުކާރުން ގެންނަން ބޭނުންވާ ބަދަލުތައް ގެނައުމަށް އާ ސަރުކާރަށް ފުރުސަތު ދޭން ޖެހޭ ކަމަށެވެ.
"އެ [ މި ސަރުކާރުގައި ހިމެނޭ ޕާޓީތަކުން،] ވި ވައުދުތައް މި ބަޖެޓްގެ ތެރެއިން ފުއްދެން ޖެހޭނެ. ރައްޔިތުން ވޯޓުދިނީ އެ ވައުދުތަކަށް ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ. އަޅުގަނޑުމެންގެ ޒިންމާއަކީ އެ ވައުދުތައް ފުއްދުމަށް ފުރުސަތު ދިނުން. އެހެންވީމާ ތަކުރާރުކޮށް އެމްޑީޕީން ބުނަމުން ދަނީ ތިޔަ ވައުދުތައް މި ބަޖެޓްގެ ތެރެއިން ދައްކަވާ ދެއްވާށޭ،" ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވިދާޅުވި އެވެ.
އޭގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ވެސް ވިދާޅުވީ އެމްޑީޕިން އޮތީ ސަރުކާރުގެ ވައުދުތައް ފުއްދުމުގެ ފުރުސަތު ދިނުމަށް ކަމަށާއި އެ ފުރުސަތު ދިނުމަށް ބަޖެޓަށް ބަދަލުގެނައުމަށް ސަރުކާރަށް ފުރުސަތުދޭން ޖެހޭ ކަމަށެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބެޖެޓުގެ ޖުމްލަ އަދަދަކީ 16،410،803،668 ރުފިޔާ އެވެ. މި އަހަރަށް ލަފާކޮށް މިދިޔަ އަހަރު ވެސް މަޖިލީހަށް ހުށަހެޅީ 16 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މަޖިލީހުން ވަނީ އެ ބަޖެޓް 15.3 ބިލިއަން ރުފިޔާ އަށް ކުޑަކޮށްފަ އެވެ.