18 Nov 2013, 15:50
ކަސްޓަމްސްގައި ހުންނަ ވެއާ ހައުސްއަކަށް ގެންދިއުމަށް ޓަކައި މާލެ ކޮމާޝަލް ހާބަރުން ދޯންޏަކަށް ބަރުކުރަމުން ދިޔަ ރާ ފުޅިތަކެއް ކަނޑަށް އެޅިއްޖެ އެވެ.
ހުޅުލޭގައި ހުންނަ ކަސްޓަމްސްގެ ބޮންޑެޑް ވެއާހައުސް އަށް ގެންދިއުމަށް ޓަކައި މާލޭ ކޮމާޝަލް ހާބަރުގެ މަގަތުފާލަމަށް ކައިރިކޮށްފައި އޮތް ދޯންޏަކަށް އެތަކެތި ބަރުކުރަނިކޮށް ރާޅެއްގައި ޖެހި ޕެލެޓްތައް ކަހާލައިގެން ހިނގި އެ ހާދިސާގައި 153 ރާ ކޭސް (918 ފުޅި) ވަނީ ކަނޑަށް އެޅިފަ އެވެ.
ކަސްޓަމްސް އިން ބުނީ ވެއާ ހައުސްއަށް ގެންދަން ގެނައި އެ ޝިޕްމަންޓުގައި ޖުމްލަ 408 ކޭސް ރާ ހުރިއިރު އޭގެ ތެރެއިން ކަނޑަށް އެޅުނީ ދެ ޕެލެޓުގައި ހުރި ރާ ކަމަށެވެ. އަދި މިހާރު އެތަކެތި ނެގުމުގެ މަސައްކަތް އެތަކެތި އެތެރެކުރި ފަރާތާއި ފުލުހުންނާއި ކަސްޓަމަސް ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
މީގެ އިތުރުން އެތަކެތި ފެންމައްޗަށް އަރާ ނުވަތަ ލެއްގުން އެކަށީގެންވާ ކަމަކަށްވާތީ، ހާބަރު ސަރަހައްދުން ރާފުޅިއެއް ނުވަތަ އެފަދަ އެއްޗެއް ފެނިއްޖެ ނަމަ އެކަން ލަސްނުކުރައްވާ ކަސްޓަމަސް އަށް ނުވަތަ ފުލުހުންނަށް އެންގުމަށް ވެސް އިލްތިމާސް ކުރެއްވި އެވެ.