ވިއްސާރައިގެ ސަބަބުން ގދ. ގައްދޫގެ ދަނޑުވެރިންނަށް ބޮޑެތި ގެއްލުން ވެއްޖެ އެވެ.

ގައްދޫ ރަށު ކައުންސިލުން ބުނީ އެ ރަށު ދަނޑުވެރިން އެއަތޮޅު ގަމުގައި ހައްދާފައިވާ ދަނޑުތަކަށް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ. އެގޮތުން އޮޅު އަލަ ދަނޑުތަކުގައިވާ ގަސްތަކުގެ ތެރެއިން ގާތްގަނޑަކަށް 80 ޕަސެންޓް މަރުވެފައިވާ ކަމަށް ކައުންސިލްގެ ރައީސް މުޙައްމަދު ރިޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަލަ ގަސްތައް މަރުވީ ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ، ގަސްތައް ފެނުގެ އަޑިއަށް ގޮސްފައި ވަނިކޮށް ފެންގަނޑު ހޫނުވުމުން ކަމަށެވެ.

".. ފެން ހޫނުވުމުން އޭގެ ސަބަބުން ގަސްތައް މިލާ މޯޅިވެ، މި މަރުވަނީ އިނގޭތޯ، ގާތްގަނޑަކަށް ހަމަ 75 ޕަސެންޓް ނޫނީ 80 ޕަސެންޓް ވަރު ގަސްތައް މަރުވެގެން ދާނެ. އޭގެ ތެރެއިން ހަމައެކަނި ސަލާމަތް ވާނީ، އެންމެ އުސްކޮށް، ތަންކޮޅެއް މައްޗަށް ހެދިފައި ހުންނަ ގަސްތައް،" ރިޝާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަނޑުތަކަށް ލިބުނު ގެއްލުންތަކާ ބެހޭ މައުލޫމާތު ސަރުކާރަށް ފޮނުވުމަށް ކައުންސިލުން މިއަދު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ގަމުގެ ހާލަތު ގިނަ ދުވަސްތަކެއް ވަންދެން ނުބެލި އޮތުމަށް ފަހު އެކަން ބެލުނީ މިއަދު ކަމަށާއި އެހެންވެ، މިފަހަރުގެ ވިއްސާރައިގާ ލިބުނު ގެއްލުމުގެ ތަފުސީލު މިއަދާ ހަމައަށް އޮތީ ސަރުކާރަށް ނުފޮނުވި ކަމަށެވެ.

".. އަޅުގަނޑުމެންގެ ދަނޑުވެރިންނަށް ވެސް ގަމުގެ ހާލަތު މިއަދާ ހަމައަށް ނުބެލި އޮތީ. ދެން މިއަދު އަޅުގަނޑުމެންނަށް ރިޕޯޓެއް ލިބިގެން މި ބަލައިލެވުނީ ގަން. އެހެންވެ މިވިއްސާރައިގެ މައުލޫމާތު ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އަޅުގަނޑުމެންނަށް މިފޮނުވާލެވެނީ މިއަދު." އޭނާ ވިދާޅުވި އެވެ.

ރިޝާން ވިދާޅުވީ ގަމުގައި ދަނޑުވެރިކަން ކުރަމުން އަންނަ ގައްދޫގެ ދަނޑުވެރިންގެ މުޅި ދިރިއުޅުން ބިނާވެފައި އޮންނަނީ އެ މަސައްކަތުން ލިބޭ އާމްދަނީގެ މައްޗަށް ކަމަށެވެ. އެހެންވެ އެ ދަނޑުވެރިންނަށް މި ލިބުނީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގައްދުއާ ވަރަށް ކައިރީގައި އޮންނަ ގަމަކީ ދިގުމިނުގައި ދެ މޭލު އަދި ފުޅާ މިނުގައި މޭލެއް ހުންނަ، ބިންގަނޑު ރަނގަޅު ރަށެކެވެ. އެރަށަކީ ޒަމާނުއްސުރެ ގައްދޫގެ ދަނޑުވެރިން މަސައްކަތް ކުރަމުން އަންނަ ރަށެކެވެ.