ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ހަ މަސް ދުވަހަށް ޖަލަށްލުމަށް ކުރި ހުކުމް އިސްތިއުނާފުކުރުމަށް އޭނާ ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ބާތިލްކޮށްފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ހައިކޯޓުގެ މީޑިއާ އޮފިޝަލް އަމީން ފައިސަލް ވިދާޅުވީ މިއަދު 2:30 އަށް ޝެޑިއުލްކުރި އެ މައްސަލަ ބާތިލްކޮށްފައި ވަނީ ހާމިދު ކޯޓަށް ހާޒިރުވެވަޑައިގެންފައިނުވާތީ ކަމަށެވެ.

"ދައުވާ ކުރާ ފަރާތުން [ހާމިދު އަބްދުލްޣަފޫރު] ކޯޓަށް ހާޒިރުވެވަޑައިގެންފައި ނުވާތީ މައްސަލަ ވަނީ ބާތިލްކޮށްފަ،" އަމީން ވިދާޅުވި އެވެ.

ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ހާމިދު ހަ މަސް ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހު އެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ދެ ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުވުމުގެ އަމުރާ ހަވާލުވެ، ހާމިދު ކޯޓަށް ވަޑައިގެންފައި ނުވާކަމަށެވެ. އަދި އޭނާގެ ގެއަށް ކޯޓު އަމުރު ހިފައިގެން ދިޔަ ދުވަހަކު ކޯޓު އަމުރާ ހަވާލުވުމަށް އެގެއިން ދެކޮޅު ހަދާފައިވާ ކަމަށް ވެސް އެ ހުކުމްގައި ވަނީ ބުނެފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުގެ ރެއިން ފެށިގެން ހާމިދު އިންނެވީ ރައްޔިތުންގެ މަޖިލީހުގެ އިދާރާތެރޭގައި ކޯޓަށް ފިއްލަވައިގެނެވެ.