ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އަންނަ އަހަރު މެލޭޝިއާގެ ސުޕަ ލީގުގެ ކްލަބަށް ބަދަލުވާން ނިންމައި އެ ކްލަބަށް ސޮއިކުރުމަށް މާދަމާރޭ މެލޭޝިއާއަށް ފުރާގޮތައް ހަމަޖެހިއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް އަލީ ނާޝިދު (އޮގަރު އައްޔަ) ބުނީ، ދަގަނޑޭ މާދަމާ ރޭގެ ވަގުތެއްގައި މެލޭޝިއާ އަށް ފުރާނެ ކަމަށާއި މެލޭޝިއާގެ އެކުލަބާއެކު ސޮއިކުރުމަށްފަހު އެ ކްލަބުގެ ފަރިތަކުރުންތަކުގައި ވެސް ބައިވެރި ވާނެ ކަމަށެވެ. އަދި ގައުމީ ޓީމް މިމަހު ސީޝެލްސްގައި ކުޅެން ހަމަޖެހިފައިވާ ތިން މެޗުގައި ދަނގަޑޭ ކުޅޭނެކަމަށް ވެސް އޭނަ ބުންޏެވެ.

ސީޝެލްސްގައި ކުޅެން ހަމަޖެހިފައިވާ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މިމަހުގެ 25 ވަނަ ދުވަހު ކުޅޭނީ އެގައުމުގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށެވެ. އަދި އަނެއް ދެ މެޗު ކުޅޭނީ ސީނިއާ ޓީމާ ދެކޮޅަށެވެ. އެ ދެމެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 27 އަދި 29 ވަނަ ދުވަހު އެވެ.

އަންނަ އަހަރު ރާއްޖޭން ބޭރުގެ ކްލަބަކަށް ކުޅެން ގައުމީ ޓީމުގެ ކެޕްޓަން ދަގަނޑޭ ނިންމުމާ ގުޅިގެން ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ގިނަ ފަރާތްތަކުން ދަނގަޑޭގެ އެނިންމުމަށް މަރުހަބާ ކިޔާއިރު، އޭނާ އާއި އެންމެ ގާތް ދެ ކުޅުންތެރިން ކަމަށްވާ ގައުމީ ޓީމް އަދި ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދާއި މުހައްމަދު އުމެއިރު ވެސް ވަނީ ދަނގޭ އަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި ދަގަނޑޭގެ ފަރާތުން އެހެން އަހަރުތަކަށް ވުރެ، އާދަޔާ ޚިލާފު މޮޅުކުޅުމެއް ފެނިފައިވާ އިރު، އޭނާ އަށް ފާރަލަމުންދާ ބޭރުގެ ޓީމުތައް ވެސް މަދެއް ނޫނެވެ.

ސަންއޮންލައިނަށް އެނގިފައިވާގޮތުން ދަގަނޑޭ ހޯދުމަށް ފާރަލި ކްލަބްތަކުގެ ތެރޭގައި މެލޭޝިއާ އާއި އިންޑިއާ އޮމާން އަދި ބުރޫނާއީ ގައުމުތަކުގެ ބޮޑެތި ކްލަބްތައް ފާހަގަ ކޮށްލެވެ އެވެ.

މީގެ ދުވަސްކޮޅެއް ކުރިން ސަން އޮންލައިނާ ވާހަކަ ދައްކަމުން ދަގަނޑޭ ބުނީ ކްލަބެއް އިހްތިޔާރު ކުރުމުގައި ލިބޭ އެއްޗަކަށް ވެސް ބަލާނޭ ކަމަށާއި އެހެން ނަމަވެސް ވަރުގަދަ ލީގަކަށް ކުޅެން ފުރުސަތު ލިބިއްޖެ ނަމަ، މުސާރައަށް ވުރެ ބޮޑަށް ވިސްނާނީ ފުރުސަތު ލިބޭ ކްލަބަށް ކަމަށެވެ.

"މުސާރައަކީ ވެސް މުހިއްމު އެއްޗެއް. އެހެން ނަމަވެސް ރަނގަޅު ލީގަކަށް ކުޅޭ މޮޅު ކްލަބަކުން ފުރުސަތު ލިބިއްޖިއްޔާ ދާނޭ ކްލަބެއް ކަނޑައެޅުމުގައި އެއީ އަޅުގަނޑު ވިސްނާނޭ ކަމެއް،" އުމުރުން 28 އަހަރުގެ ހުނަރުވެރި ފޯވާޑް ބުންޏެވެ.

ބޭރުގެ ކްލަބަކަށް ކުޅެން ދަގަނޑޭއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 2004 ވަނަ އަހަރު ޕޯޗްގީޒްގެ ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ބެންފިކާ އިންނެވެ. އެހެން ނަމަވެސް ބެންފިކާގެ ޔޫތު ކްލަބަށް ކުޅެން ލިބުނު ރަނުގެ ފުރުސަތު ދަގަނޑޭ އެފަހަރު ދޫކޮށްލީ ހަމަ އެންމެ ފަހު ވަގުތު އެވެ.

ދަނގަޑޭ ބޭރުގެ ޓީމަކަށް މިހާތަނަށް ކުޅެފައި ވަނީ ބުރޫނާއީގެ ޑީޕީއެމްއެމް އަށެވެ. ޑިސެމްބަރު 2007 ވަނަ އަހަރު ޑީޕީއެމްއެމް އަށް އޭނާ ކުޅުނީ ދެ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.