05 Dec 2010, 08:16
ބައިނަލްއަގުވާމީ ހިލޭސާބަހަށް މަސައްސައްކަތްކުރާ މީހުންގެ ދުވަހާ ގުޅުވައިގެން ހިލޭސާބަހަށް މަސައްކަތްކުރާ މީހުން އިތުރުކުރުމުގެ މަސައްކަތް މޯލްޑިވިއަން ރެޑްކުރެސެންޓުން (އެމްއާރުސީ) ފަށައިފި އެވެ.
އެމްއާރުސީގެ ޕްރޮގުރާމް މެނޭޖަރު މުހައްމަދު މުސްރުޝިދު މިއަދު ވިދާޅުވީ ހިލޭސާބަހަށް މަސައްކަތް ކުރާ މީހުން ހޯދުމުގެ ގޮތުން މާލޭގެ ތިން ސަރަހައްދެއްގައި ޑެސްކް ބަހައްޓައިގެން ވޮލެންޓިއަރުން ހޯދުމަށް ނަން ނޯޓް ކުރަމުން އަންނަ ކަމަށެވެ. އަދި މިއަދުގެ ޓާގެޓަކީ 1000 މީހުންގެ ނަން ނޯޓު ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރެޑްކުރެސެންޓުގެ ޑެސްކްތައް ބަހައްޓާފައި ހުންނާނީ ހުޅުމާލޭ ފެރީ ޓާމިނަލްގަޔާއި ހުރަވީ ބިލްޑިންގްގައި އަދި ލިލީ މަގުގައި ހުންނަ ސީޗެއެސްސީ ބިލްޑިންގުގެ ކައިރީގައި ކަމަށް މުސްރުޝިދު ވިދާޅުވި އެވެ.
އެމްއާރުސީގައި ހިލޭސާބަހަށް މަސައްކަތް ކުރުމަށް 294 މީހުން ރަޖިސްޓަރީ ކޮށްފައި ވީނަމަވެސް އެ މީހުންގެ ތެރެއިން އަމަލީ ގޮތުން މަސައްކަތްތަކުގައި ބައިވެރިވަނީ 60 ވަރަކަށް މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގިނަ ވޮލަންޓިއަރުންނަށް ހަރަކާތަތަކުގައި ބައިވެރިނުވެވެނީ، އެ މީހުންނަކީ ވަޒީފާ އަދާކުރާ މީހުން ކަމަށްވެފައި އެކަށީގެންވާ ވަރަށް ހުސްވަގުތު ނުލިބޭތީ އެވެ.
"ހުރިހާ މީހުން ވެސް ބޭނުންވޭ ވޮލެންޓިއާ ކުރަން އެކަމު ކޮންމެ މީހެއްގެ ވެސް އެބަ އޮވޭ އެމީހެއްގެ ދާއިމީ ވަޒީފާއެއް. އެހެންވީމާ އެމީހުންނަށް ވަގުތު ނުވަނީ. ގިނަ ވަގުތު ދެވޭ ކުދިންނަށް މި އުޅެނީ ހަމަ ސްކޫލުން ކިޔަވައިގެން ނުކުންނަ ގޮތަށް ވޮލެންޓިއާ ކުރަން އުޅޭ ކުދިން. ވަޒީފާތަކުގައި އުޅޭ މީހުންނަށް ވެސް ފުރުސަތު ހުޅުވާލުމަށް އަޅުގަނޑުމެން މަސައްކަތް ކުރަނީ އެ މީހުންނަށް ވެސް ހަފުތާ ބަންދުގައި އައިސް އެހީ ވެވިދާނެތީ،" އޭނާ ވިދާޅުވި އެވެ.
ހިލޭސާބަހަށް މަސައްކަތްކުރާ މީހުންނަށް ހާއްސަކޮށްގެން އެމްއާރުސީން ވަނީ މިދިޔަ ހުކުރު ދުވަހު އިވެންޓްތަކެއް ބާއްވައިފަ އެވެ.
ހުކުރު ދުވަހު ހަވީރު އެމްއާރުސީން "ވޮލެންޓިއާ އެޕްރިސިއޭޝަން ޕްރޮގުރާމް"ގެ ނަމުގައި ވޮލެންޓިއަރުންނަށް ހިއްވަރު ދިނުމުގެ ގޮތުން އެ މީހުންގެ އަގު ވަޒަންކުރާނެ މިންގަނޑުތަކެއް ކަނަޑައަޅައި ފާހަގަކޮށްލެވޭ ވޮލެންޓިއަރުންނަށް އިނާމު ދިނުމުގެ ޕްރޮގުރާމެއް ވެސް ހިންގި އެވެ.