18 Nov 2013, 14:49
އިންޑޮނީޝިއާގައި މި މަހު ބާއްވާ 23 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމުގެ ސްކޮޑަށް ނިއުރޭޑިއަންޓުގެ ޒުވާން މިޑްފީލްޑަރު އަލީ ފާސިރު (ސެންޓޭ) ނަގައިފި އެވެ.
ޒުވާން ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނީ، ޓީމުގެ ސްކޮޑަށް ސެންޓޭ ނެގީ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ)ގެ ބަދަލުގައި ކަމަށެވެ. އަދި ދަނގަޑޭ ސްކޮޑުން ބާކީ ކުރީ މެލޭޝިޔާގެ ކުލަބަކާ ގުޅެން މާދަމާ ރޭ ކުއާލަލަމްޕޫރަށް އޭނާ ފުރާތީވެ ކަމަށް ވެސް ޝާޒްލީ ބުންޏެވެ.
"ސެންޓޭ ސްކޮޑަށް ނެގީ އިއްޔެ ރޭ. ދަގަނޑޭ މެލޭޝިޔާ އަށް ދަނީ އޭނާ އަންނަ އަހަރު ކުޅޭ މެލޭޝިޔާގެ ކުލަބާއެކު އެގްރީމަންޓްގައި ސޮއިކުރަން. ދަނގަޑޭ ފުރާތީވެ މިފަހަރު ޓީމާއެކު ދެވޭގޮތެއް ނުވި. ދަނގަޑޭ މެލޭޝިއާގައި ތިން ދުވަސް ވާނެހެން ހީވަނީ" ޝާޒް ބުންޏެވެ.
ސީނިއާ ޓީމުން ޒުވާން ޓީމަށް ނެގި ދޮށީއުމުރުގެ ކުޅުންތެރިންގެ ތެރޭގައި ދެން ހިމެނެނީ ސެންޓޭއާ އެކު ނިއުގެ އަކްރަމް އަބްދުލްޣަނީ (އަކޫ)އާއި މާޒިޔާގެ މުހައްމަދު އިމްރާނެވެ.
ޝާޒްލީ ބުނީ، މިފަހަރުގެ މުބާރާތުގައި ސީނިއާ ޓީމްގައި ހިމެނޭ ގިނަ ކުޅުންތެރިން ތަކަކަށް މުބާރާތުގައި ކުޅެވޭ ގޮތް ވުމަކީ ޓީމް ވަރުގަދަވެ ރަނގަޅު ނަތީޖާއެއް ނެރުމަށް ކުރާ އުންމީދަށް ލިބުނު ބާރެއް ކަމަށެވެ.
"ސީނިއާ ޓީމްގައި ހިމެނޭ މުހިއްމު ފަސް ކުޅުންތެރިން ކަމަށްވާ، އަސަދުﷲ، އަދުހަމް، ރިލްވާން ވަހީދު، މޫސާ ޔާމީން އަދި އަހްމަދު އިމާޒް (އާއްކޮ) މި ހުރިހާ ކުޅުންތެރިންނަށް ވެސް މި ޓީމަށް ކުޅެވޭނެ. މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ޝާޒް ބުންޏެވެ. "23 އަހަރުން ދަށުގެ މި ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ، ކްލަބް ލެވެލްގައިވެސް ރަނގަޅު ފެންވަރެއްގައި ކުޅެ ތަޖްރިބާތަކެއް ލިބިފައި ތިބި ކުޅުންތެރިން. އެހެން ކަމުން މިއީ ޓީމްގައި ހިމެނޭ ޖޫނިއާ ކުޅުންތެރިންނަށްވެސް ލިބިގެންދާނޭ ވަރަށް ބޮޑު އިތުބާރެއް."
މިމަހުގެ 20 އިން 24 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މުބާރާތުގައި އިންޑޮނީޝިއާ އާއި ރާއްޖޭގެ އިތުރުން ވާދަކުރާނީ، މިޔަންމާ އާއި ޕަޕުއާ ނިއުގިނީ އެވެ.
މުބާރާތުގައި ބައިވެރިވުމަށްޓަކައި 23 އަހަރުން ދަށުގެ ގައުމީ ޓީމް އިންޑޮނީޝިއާއަށް ފުރުމަށް ހަމަޖެހިފައި މިރޭ 8:30ގައެވެ.