18 Nov 2013, 14:22
ރާއްޖެ ޓީވީއަށް ހަމަލާދީ އެތަން ރޯކޮށްލި މައްސަލާގައި ތުހުމަތު ކުރެވޭ މީހަކު ނުފެނިގެން އެމީހާ ހޯދުމަށް ދެވަނަ ފަހަރަށް ފުލުހުން އިއުލާން ކޮށްފި އެވެ.
މިދިޔަ މަހުގެ ހަތްވަނަ ދުވަހު ރޭ ރާއްޖެ ޓީވީއަށާއި އެ ސްޓޭޝަން ހިންގާ އިމާރާތަށް ބަޔަކު ވަދެ އެތަނަށް ހަމަލާދީ ރޯކޮށްލި މައްސަލާގައި ހޯދުމަށް ފުލުހުން އިއުލާންކޮށްފައިވަނީ ހ. ގަސްވާ މުހައްމަދު މީޢާދު، 35، އެވެ. އޭނާ ހޯދުމަށް ފުލުހުން އެންމެ ފުރަތަމަ ފަހަރަށް އިއުލާން ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.
ފުލުހުން ބުނީ މީއާދު އަކީ މީގެ ކުރިން މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީއާއި މަކަރާއި ހީލަތުގެ މައްސަލަތަކުގައި ވެސް ހަތް ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއް ކަމަށެވެ. އަދި މީއާދުގެ ދެ މައްސަލައެއް ޕީޖީ އަށްވެސް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މީއާދު އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެކަން މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރަން އެދޭ ކަމަށެވެ. އަދި ރާއްޖޭގެ ރަށަކުން ނަމަ އެރަށެއްގެ ޕޮލިސް ސްޓޭޝަނަކަށް އަދި ޕޮލިސް ސްޓޭޝަން ނެތް ރަށެއްނަމަ އެރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް އެންގުމަށް ވެސް ފުލުހުން އެދިފައިވެ އެވެ.
ރާއްޖެ ޓީވީ އަދި ރާއްޖެ ޓީވީ ހުންނަ އިމާރާތުގައި އަލިފާން ރޯކޮށްލާފައިވާ މައްސަލައާއި ގުޅިގެން ފުލުހުން ވަނީ މިހާތަނަށް ހަތް މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފައި ވެއެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 22 އަހަރުގެ ދެ މީހުންނާއި 21 އަހަރުގެ މީހަކާއި 20 އަހަރުގެ މީހަކާއި 18 އަހަރުގެ ދެ މީހެއްގެ އިތުރުން 17 އަހަރުގެ ކުޑަކުއްޖެކެވެ.