18 Nov 2013, 12:04
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ޝާހިދު އަލީ ވަކިކޮށް އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު އާދަމް އާޒިމް އައްޔަންކޮށްފި އެވެ.
ސަންއާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މަގާމުން ވަކިކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
"ފަސް އަހަރަށް ފަހު މި ވަކިވާން ޖެހުނީ. އަޅުގަނޑު ދެކެނީ އެއީ އެކަށީގެންވާ މުއްދަތެއް ކަމަށް،" އޭނާ ވިދާޅުވި އެވެ.
ޝާހިދު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކޮށްފައި ވަނީ އެމްޑީޕީގެ ސަރުކާރުގަ އެވެ. އަދި ރައީސް ވަހީދު ވެސް ވަނީ އޭނާ އެ މަގާމުގައި ބަހައްޓަވައިފަ އެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ފައިދާއެއް ލިބެމުން އަންނަ އެސްޓީއޯ އަށް މިދިޔަ ކުއާޓާގައި ވެސް ޖުމްލަ ފައިދާ އަށް 274.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މާލީ ހަރަދުތަކަށް 132.5 މިލިއަން ރުފިޔާ އުނިކުރުމުން އެ ކުންފުންޏަށް ކުރިމަތިވީ 19.7 މިލިއަން ރުފިޔާގެ ގެއްލުމެކެވެ. އަދި ހިންގުމުގެ ހަރަދުގެ ގޮތުގައި 162.1 މިލިއަން ރުފިޔާ ވެސް މިދިޔަ ކުއާޓާގައި ހަރަދު ކުރަން ޖެހުނެވެ.
ރައީސް ވަހީދުގެ ދައުރު ނިމެމުން ދަނިކޮށް ސަރުކާރުން ލިބެން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބިގެން ކަމަށް ބުނެ ތެޔޮ ޝިޕްމަންޓް ނުގެނެވި ލަސްވެ އަދި އައިޖީއެމްއެޗްގެ ކްރެޑިޓް ލިމިޓް ހަމަވެފައި ވާތީ އެ ހޮސްޕިޓަލަށް ބޭސްދޫކުރުން ވެސް ޝާހިދުގެ މެނޭޖުމަންޓުން ހުއްޓާލި އެވެ.