18 Nov 2013, 11:45
އީރާނުގެ ނިއުކުލިއަރު ހަތިޔާރުގެ ޕްރޮގްރާމާ ގުޅިގެން، އެ ގައުމާ ދެކޮޅަށް އެއްވެސް ދޫ ދިނުމެއް ނެތި ހަރުކަށި އިގުތިސާދީ ފިޔަވަޅުތައް ދަމަހައްޓާން ފަރަންސޭސި ވިލާތް ތާއީދު ކުރާނޭ ކަމުގެ ޔަގީންކަން އެ ގައުމުގެ ރައީސް ފްރޭންކޯއި ހޮލާންޑޭ އިސްރާއީލަށް ދެއްވައިފިއެވެ.
އިސްރާއީލަށް ކުރައްވާ ޒިޔާރަތެއްގައި މިވަގުތު އުޅުއްވާ ހޮލާންޑޭ އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެ ބޭފުޅުން މިއަދު ބޭއްވެވި ނޫސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން ހޮލާންޑޭ ވިދާޅުވެފައި ވަނީ ނިއުކުލިއަރު ހަތިޔާރު އުފައްދާން ތެހެރާނުން ކުރަމުންދާ މަސައްކަތްތައް ހުއްޓައިލައިފި ކަމުގެ ޔަގީންކަން ނުލިބޭހާ ހިނދަކު، އީރާނާ ދެކޮޅަށް އެޅިފައި ހުރި ފިޔަވަޅުތަކަށް އެއްވެސް ދުލެއް ދޭން ފަރަންސޭސި ވިލާތް ތާއީދު ނުކުރާނެ ކަމަށެވެ.
ޤުދުސްގައި ބޭއްވުނު ނޫސް ކޮންފަރެންސުގައި ވާހަކަ ދައްކަވަމުން ހޮލާންޑޭ އިތުރަށް ވިދާޅުވީ އީރާނަށް ކުޑަވެސް ދުލެއް ދެވޭނީ ހަތަރު ކަމެއް ހިމެނޭ ގޮތުން، އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ ކަމަށެވެ.
"އަހަރެމެންގެ ފުރަތަމަ ޑިމާންޑަކީ، އީރާނުން ޖެހޭނެ އެ ގައުމުގެ ހުރިހާ ނިއުކުލިއަރު މަރުކަޒުތަކެއް، ބައިނަލްއަގުވާމީ ސުޕަވައިޒަރުންގެ ބެލުމުގެ ދަށުން ރޫޅައިލާން. އެކަން ކުރާން ޖެހޭނީ ހަމަ މިހާރު. ދެވަނަ ކަމަކަށް، އީރާނުން ޖެހޭނެ ޔުރޭނިއަމް ފައްކާ ކުރުން 20 އިންސައްތައަށް ދަށް ކުރާން. ތިންވަނަ ކަމަކަށް، މިހާރު ހުރި ޔުރޭނިއަމްގެ މިންވަރު މަދު ކުރާން ޖެހޭނެ. އެންމެ ފަހު ކަމަކަށް، ބަރުފެން (ޑިއުޓްރިއަމް އޮކްސައިޑް) އުފައްދާ އަރާކް ޕްލާންޓް ބިނާ ކުރުމުގެ މަސައްކަތް ހުއްޓައިލާން ޖެހޭނެ." ހޮލާންޑޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މި ހަތަރު ނުކުތާއަށް އީރާނުން އެއްބަސް ނުވާހައި ހިނދަކު، އެއްވެސް އެއްބަސްވުމެއް ނުވެވޭނެ ކަމަށެވެ.
ހޮލާންޑޭގެ ފަރާތުން އިސްރާއީލަށް ޔަގީންކަމެއް ދެއްވައިފައި މިވަނީ، އީރާނުގެ ނިއުކުލިއަރު ޕްރޮގްރާމާ ބެހޭގޮތުން އެ ގައުމާ އެކު ހުޅަނގުގެ ބޮޑުބާރުތަކުން ބާއްވާ ވާހަކަދެއްކުންތަކުގެ އައު ބުރެއް، ޖެނީވާގައި ފަށަން ހަމަޖެހިފައި ވަނިކޮށެވެ. ހުޅަނގުގެ ބާރުތައް ބޭނުން ވަނީ އީރާނުގެ ނިއުކުލިއަރު ޕްރޮގްރާމުގެ ދާއިރާ ވަރަށް ބޮޑަށް ކުޑަކޮށް މަހުދޫދު ކުރުމަށެވެ.
އީރާނާ އެކު ބޮޑުބާރުތަކުން އެންމެ ފަހުން، މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ވާހަކަދެއްކުންތައް ނިމިފައި ވަނީ އެއްބަސްވުމަކާ ހަމަޔަށް ނައުދެވިއެވެ. އެ ފަހަރުވެސް އެއްބަސްވުމަކާ ހަމަޔަށް އައުމަށް އެޅުނު އެންމެ ބޮޑު ހުރަހަކީ ފަރަންސޭސީންގެ ހަރުކަށިކަން ކަމަށް މުރާސިލުން ވަނީ ބުނެފައެވެ. މީގެ ސަބަބުން އިސްރާއީލުގެ ރުހުން ވެސް ވަނީ ފަރަންސޭސީންނަށް ވަރަށް ބޮޑަށް ލިބިފައެވެ.
ފަރަންސޭސި ރައީސް އިސްރާއީލަށް ވަޑައިގެންނެވީ ތިން ދުވަހުގެ ދަތުރުފުޅެއްގައެވެ. އިސްރާއީލަށް ކުރައްވާ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު، އޭނާ ފަލަސްޠީނަށް ވަޑައިގެން ރައީސް މަޙުމޫދު ޢައްބާސާ ވެސް ބައްދަލު ކުރައްވާނެއެވެ.