ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދޭން ކުރާ މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލްގައްޔޫމު ކުރައްވާ މަސައްކަތަށް އިންޑިއާ އިން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް އެގައުމުން ބުނެފި އެވެ.

ރައީސް ޔާމީނު އިންތިހާބު ކާމިޔާބު ކުރެއްވުމުން އިންޑިއާގެ ބޮޑުވަޒީރު ފޮނުއްވި މެސެޖެއްގައި އިންޑިއާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވިދާޅުވެފައި ވަނީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމަކީ އިންޑިއާ އިން އެންމެ މަތީ މިންވަރަށް އަހައްމިޔަތުކަން ދޭ ގުޅުމެއް ކަމަށެވެ.

"މަގާމާ ހަވާލުވެވަޑައިގަންނަވަން ތައްޔާރުވެވަޑައި ގަންނަވާ އިރު މަނިކުފާނަށް ކާމިޔާބު ދައުރަކަށް އެދެމެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް ސުލްހަވެރި، ފާގަތި މުސްތަގުބަލެއް ހޯއްދަވައި ދެއްވަން ކުރައްވާ މަސައްކަތަށް އިންޑިއާގެ ފުރިހަމަ އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން އަރުވަމެވެ،" ރައީސް ޔާމީނު ހުވާ ކުރެއްވުމުގެ ކުރިން ސިންގް ފޮނުއްވި މެސެޖްގައިވެ އެވެ.

އޭނާ އަދި ވިދާޅުވެފައި ވަނީ ޔާމީނުގެ ރިޔާސަތުގައި، ހަމަޖެހުމާ އެކު ކުރިއަށް ދާނެ ކަމުގެ ފުރިހަމަ އިތުބާރު އެބަ އޮތް ކަމަށެވެ.

ރައީސް ޔާމީނު އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އިންޑިއާގެ އިތުރުން އެމެރިކާ އިން ވެސް ވަނީ އެމަނިކުފާނަށް މަރުހަބާ ކިޔާފަ އެވެ. ޔާމީނު ރައީސްކަމުގެ މަގާމަށް ވަޑައިގެންފައި މިވަނީ ރާއްޖެއާ ބައިނަލްއަގުވާމީ މުޖުތަމައާ ދެމެދު އޮންނަ ގުޅުންތައް ވަރަށް ގޯސްވެފައިވާ ދުވަސްވަރެއްގަ އެވެ.