ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރު އަހުމަދު ތަސްމީން އަލީ އެ ޕާޓީގެ ލީޑަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޑީއާރުޕީގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ސަން އަށް ވިދާޅުވީ މިއަދުގެ ވަގުތެއްގައި ޕާޓީގެ ލީޑަރުކަމުން ތަސްމީން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.

ތަސްމީން އެ ޕާޓީގެ ލީޑާޝިޕުން އިސްތިއުފާ ދެއްވީ މިހާރު ހިނގަމުން އަންނަ އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.

ތަސްމީން ޑީއާރުޕީގެ ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވި އިރު އެ ޕާޓީގެ ބައެއް އިސް މެމްބަރުން މިހާރު ވަނީ އެމްޑީޕީއާ ގުޅުމަށް ނިންމައިފަ އެވެ.

ރޮޒައިނާ ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ތަސްމީންގެ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވުނީތީ ފަހަރުވެރިވާ ކަމަށާއި ޕީޕީއެމް ހަނި އަޣުލަބިއްޔަތަކުން އިންތިހާބު ކާމިޔާބު ކުރިއަސް މުސްތަގްބަލް ވަނީ އެމްޑީޕީއާ އެކު ކަމަށެވެ.

ސެޕްޓަމްބަރު މަހު ބޭއްވި އަދި ފަހުން ސުޕްރިމް ކޯޓުން ބާތިލުކުރި ރިޔާސީ އިންތިހާބުގައި ތަސްމީން ތާއީދު ކުރެއްވީ ޑރ. މުހައްމަދު ވަހީދުގެ ރަނިންމޭޓެއްގެ ގޮތުގަ އެވެ. އެ ފަހަރުގެ އިންތިހާބުގައި ރައީސް ވަހީދަށް ފަސް ޕަސެންޓު ލިބި ނާކާމިޔާބީއާ ކުރިމަތިވަޑައިގަތުމުން، ދެން ތަސްމީން ތާއީދު ކުރެއްވީ އެމްޑީޕީގެ ރިޔާސި ކެންޑިޑޭޓް މުހައްމަދު ނަޝީދަށެވެ.

ޑީއާރުޕީގެ ކައުންސިލްގެ މެންބަރު އަލީ ސޯލިހު ދެންމެ ވިދާޅުވީ މިއަދު ބޭއްވި ޖަލްސާ އަށް ނޯޓިސް ފޮނުވާފައި ވަނީ ކުއްލި ޖަލްސާއެއްގެ ނޯޓިސް ކަމަށާއި ނަމަވެސް އެ ބައްދަލުވުމަށް ތަސްމީން ޕާޓީގެ ލީޑާޝިޕުން އިސްތިއުފާ ދެއްވި ކަމުގެ ސިޓީއެއް ލިބުނު ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދުގެ އެ ކުއްލި ބައްދަލުވުމުގައި ޕާޓީ ހިންގާނެ ބޭފުޅަކު ކަނޑައެޅުމަށް، ރިޔާސަތު ބެލެހެއްޓެވި ނާއިބު ލީޑަރު އިބްރާހީމް ޝަރީފު، މަސައްކަތް ކުރެއްވުމުން އެއީ އަސާސީ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބައެއް މެންބަރުން ވިދާޅުވެ މައްސަލަ ހޫނުވި ކަމަށެވެ.

އަލީ ސޯލިހު ވިދާޅުވީ އެ މައްސަލަ ހޫނުވެ، ކޯރަމް ގެއްލުމުން މިއަދު ހަވީރު 16:00 އަށް ޖަލްސާ އަކަށް ކިޔާފައިވާ ކަމަށެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ޑީއާރުޕީގެ ތަސްމީނަށް ތާއީދު ކުރައްވާ ބޭފުޅުން މަސައްކަތް ކުރައްވަނީ އެ ޕާޓީ ވަގުތީ ގޮތުން ހިންގުމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހަމަޖެއްސުމަށެވެ.