18 Nov 2013, 10:41
ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑާ އިން ޗީފް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމްއެންޑީއެފްގެ ހެޑްކްއޯޓާޒް އަށް ޒިޔާރަތްކުރައްވައި ސީނިއާ އޮފިސަރުންނާ ރޭ ބައްދަލުކުރައްވައިފި އެވެ.
ކޮމާންޑާ އިން ޗީފް ބަންޑާރަކޮއްޓަށް ރޭ ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ގާޑް އޮފް އޮނާއެއް އެރުއްވި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ސިފައިންގެ ބޭންޑުގައި ގައުމީ ސަލާމް ކުޅެވުނެވެ.
ކޮމާންޑާ އިން ޗީފްގެ އެ ބައްދަލުކުރެއްވުމަކީ ދިވެހި ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާކަމުގެ ގާނޫނީ ހުވާކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ އަދި ކޮމާންޑާ އިން ޗީފްގެ ހައިސިއްޔަތުން އެމަނިކުފާނު އެމްއެންޑީއެފްގެ ހެޑްކްއޯޓާޒް އަށް ސިފައިންނާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
އެ ބައްދަލުވުމުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލު އަހުމަދާއި މިނިސްޓަރު އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ކާނަލް (ރޓ) މުހައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނަރަލް އަހުމަދު ޝިޔާމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ އަހުމަދު މުހައްމަދު ބައިވެރިވެވަޑައިގެންނެވި އެވެ.