18 Nov 2013, 10:30
އަންނަ އަހަރު ބްރެޒިލްގައި ބާއްވާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތައް އެފްރިކާ ބައްރުގެ ކެމަރޫން ކޮލިފައިވެއްޖެ އެވެ. މިއީ ކެމަރޫން ވޯލްޑްކަޕަށް ކޮލިފައިވި ހަތް ވަނަ ފަހަރެވެ.
ކެމަރޫން ކޮލިފައިވީ ރޭ ޕްލޭއޮފް ދެވަނަ ލެގުގައި ޓިއުނީޝިޔާއާ ބައްދަލުކުރި މެޗް 1-4 ލަނޑުން ކާމިޔާބު ކޮށްގެންނެވެ.
ކެމަރޫން ދަނޑުގައި ރޭގެ މެޗުގެ ފުރަތަމަ ލަނޑު މެޗުގެ ހަތަރު ވަނަ މިނެޓުގައި ޖަހައި ލީޑް ނެގީ ކެމަރޫންގެ 31 ޕެރޭވެބޯ އެވެ. ކެމަރޫންގެ ދެވަނަ ލަނޑު މެޗުގެ 30 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ބެންޖަމިން އެވެ. އަދި ކެމަރޫންގެ ތިން ވަނަ ލަނޑާއި ހަތަރު ވަނަލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޖިއާން މަކޮއިން އެވެ.
ރޭގެ މެޗުގައި ކެމަރޫންކޮޅަށް ޓިއުނީޝިޔާއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 49 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަހުމަދު އަކާޗީ އެވެ.
މި ދެ ޓީމް މިދިޔަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ކުޅުނު ޕްލޭއޮފް ފުރަތަމަ ލެގުގެ މެޗް ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. އެދުވަހުގެ ނަތީޖާ ނިކުތް ގޮތުން ކެމަރޫން ވޯލްޑްކަޕަށް ކޮލިފައިވެފައި މިވަނީ 1-4 ގެ އެގްރިގޭޓަކުންނެވެ.
ފީފާރޭންކިންގައި މިވަގުތު 59 ވަނަ މަގާމްގައި އޮތް ކެމަރޫނާއެކު އެފްރިކާ ބައްރުން ދެން ކޮލިފައިވި އަނެއް ގައުމުތަކަކީ ނައިޖީރިޔާ އާއި އައިވަރީ ކޯސްޓެވެ.