ކޯޓަށް ފިއްލަވައިގެން ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހުންނެވި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރާ މެދު އަމަލުކުރާނެ ގޮތެއްގެ ލަފާ ހޯދުމަށް އުއްތަމަފަނޑިޔާރުގެ އަރިހުގައި ދަންނަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު މިއަދު މަޖިލީހުގައި ނެންގެވި ނިޒާމީ މައްސަލަ އަށް ޖަވާބުދެއްވަމުން ޝާހިދު ވިދާޅުވީ ކޯޓުތަކުގެ އަމުރާ ދެކޮޅަށް ފިއްލަވައިގެން ހާމިދު މަޖިލީސް ތެރޭގައި އިންނަވާ މައްސަލައާ މެދު އަމަލުކުރާނެ ގޮތަކާ މެދު އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒު ހުސައިންގެ ލަފާފުޅަކަށް އެދިފައިވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ ހާމިދުގެ މައްސަލައިގައި ހައްލެއް ހޯދުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސްވެރީންނާ އެކު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

"އިއްޔެ ރާއްޖޭގައި އަލަށް އެކުލަވާލެވުނު ސަރުކާރުގެ އެންމެ އިސްވެރީންނާ ވެސް މަޖިލީހުގެ ރައީސް މިހާރު މިގެންދަނީ މިކަމުގައި ހައްލެއް ހޯދުމަށް މަޝްވަރާ ކުރަމުން،" ޝާހިދު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގައި ހިނގަމުންދާ، ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރު ކުރުމުގެ މައްސަލައިގެ ޝަރީއަތަށް ހާޒިރުވުމަށް ކޯޓުން ތަކުރާރުކޮށް ޗިޓު ހަވާލުކުރުމުން ވެސް ކޯޓަށް ހާޒިރުނުވެ މަޖިލީސް ތެރޭގައި ހާމިދު ފިއްލަވައިގެން އިންނަވަނިކޮށް، ކްރިމިނަލް ކޯޓުން ވަނީ ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި އޭނާ ހަ މަސް ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ބުނެފައި ޖިނާއީ ކުށެއް ތަންފީޒު ކުރަމުންގެންދާ މެމްބަރެއް ކަމަށްވިޔަސް ކަމާ ބެހޭ ފަރާތްތަކުން އެ މެމްބަރަކު މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ ބައްދަލުވުންތަކަށް ހާޒިރުކުރަން ޖެހޭނެ ކަމަށެވެ.

މެމްބަރަކު ޖަލަށްލުމަށް ކޯޓުން ހުކުމެއް ކުރުމުން އެ މެމްބަރަކު ޖަލަށް ނުލައި އެހެންތަނެއް ބަހައްޓަންޖެހޭ ފަދަ އެއްވެސް ވާހަކައެއް އިމްތިޔާޒުގެ ގާނޫނާއި އަދި މަޖިލީހުގެ ގަވާއިދުގައި ވެސް ބުނެފައެއް ނުވެ އެވެ.

މީހަކު ޖަލަށް ލުމަށް ހުކުމް ކުރުމުން އެ ހުކުމް ތަންފީޒު ކުރުމަކީ ޑީޕީއާރްއެސްގެ މައްޗަށް ގާނޫނު ލާޒިމްކުރާ ކަމެކެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ހާމިދު ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނިކޮށް، ޝަރީއަތުގެ މަޖިލީހަށް އޭނާ ހާޒިރުކޮށްދިނުމަށް އެ ކޯޓުން އެދުމުން އެކަން ކުރެވިފައިނުވާ ކަމަށް ޑީޕީއާރްއެސް އިން ބުނެފައިވާ ކަމަށެވެ.