05 Dec 2010, 07:48
ޔަހޫދީން ރާއްޖެ އަށް ވެރިވުމުގެ ކުރިން ދިވެހިންނަށް ތަމްރީނުދީ ޒަމާނީ ހަތިޔާރަށް އަހުލުވެރި ކުރުވުމަށް ސަލަފު ޖަމިއްޔާއިން ދިވެހި ސަރުކާރަށް ގޮވާލައިފި އެވެ.
އެ ޖަމިއްޔާގެ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނަނީ ހައްދުފަހަނަ އަޅާފައިވާ ޓެރެރިސްޓް ޔަހޫދީން ރާއްޖެ އަށް ވެރިވެގަނެ، ފަލަސްތީނަށް ޖައްސާފައިވާ ނިކަމެތި ހާލު ޖެއްސުމުގެ ކުރިން އަސްކަރީ ތަމްރީނާއި ޒަމާނީ ހަތިޔާރުތަކަށް ދިވެހި އެންމެހާ މުސްލިމުން އަހުލުވެރި ކޮށްދިނުމަށް ސަރުކާރަށް އިލްތިމާސްކުރާ ކަމަށެވެ.
އެ ބަޔާނުގައި ބުނަނީ ދިވެހި ކޮންމެ ރައްޔިތަކީ ހައްދުފަހަނަ އަޅާފައިވާ ހަރުކަށި ޔަހޫދީންގެ އަނިޔާއިން އަމިއްލަ ނަފްސާއި ދިވެހި ގައުމާއި އިސްލާމްދީން ދިފާއުރުމުގެ ގާބިލުކަން އަސްކަރީ ގޮތުންހުރި މީހެއްކަމުގައި ވުމުގެ ފުރުސަތު ތަނަވަސްކޮށްދޭން ޖެހިފައިވާ ކަމަށެވެ.
އަދި ޤާނޫނު އަސާސީގެ ތެރެއިން އެ ހައްގު ކަށަވަރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ވެސް ސަލަފުން ވަނީ ގޮވައިލައިފަ އެވެ.
ސަލަފުގެ ބަޔާނުގައި ބުނަނީ އަސްކަރީ ގޮތުން ބަލިކަށި ދިވެހި ރާޢްޖެއަކީ ޔަހޫދީންގެ ހާއްޔެއްކަމުގައި ހަދައިފި ނަމަ ދިވެހި ރާއްޖޭގެ އަމާންކަން ގެއްލި ސިޔާދަތާއި އިސްތިގުލާލު ނަގައިލެވި އިސްލާމުންނަށް ނިކަމެތިކަން ލިބުމަކީ ޝައްކެއް އޮތްކަމެއް ނޫން ކަމަށާއި ޔަހޫދީން އެއްވެސް ގައުމެއްގައި ވަޒަންވެރި ނުކޮށްވޭތޯ އެ ގައުމުތަކުން ގަދައަޅާ މަސައްކަތް ކުރަމުންދާއިރު އެކަންކަމުން ދިވެހިން އިބްރަތް ލިބިގަންނަން ޖެހޭނެ ކަމަށެވެ.
"އެހެންކަމުން ޔަހޫދީންގެ ނުފޫޒުގެ ދަށަށް ދިވެހި ގައުމުގެ ތައުލީމާއި އިގުތިސޯދާއި މިނިވަންކަން ނުގެންދިއުމަށް ތަކުރާރުކޮށް ޖަމްޢިއްޔަތުއްސަލަފުން ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސްކުރަމެވެ." އެ ބަޔާނުގައިވެ އެވެ.