ޕްރިޓޯރިޔާ (ނޮވެމްބަރު 18): ދެކުނު އެފްރިކާގެ ކުރީގެ ރައީސް އަދި އެގައުމުގެ ގައުމީ ބަތަލުގެ ގޮތުގައި ސިފަކުރެވޭ ނެލްސަން މަންޑޭލާގެ ސިއްޙީ ހާލުކޮޅު ބޮޑުކަމުން އޭނާއަށް ވާހަކަ ނުދެއްކޭ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

މަންޑޭލާގެ ކުރީގެ އަނބިކަނބަލުން އަދި މަންޑޭލާގެ ދެދަރިކަލުންގެ މަންމަ ވިނީ މަންޑޭލާ ވިދާޅުވީ ވާހަކަ ދެއްކެވުމުގެ ގާބިލްކަން މަންޑޭލާއަށް ލިބޭތޯ ޑޮކްޓަރުން މަސައްކަތް ކުރާ ކަމަށާ މަންޑޭލާ އަށް ވާހަކަ ނުދެއްކެނީ އޭނާގެ ފުއްޕާމޭގައި ހެދިފައިވާ ފެންތައް ބޭރުކުރުމަށް މިހާރު ލައްވާފައިވާ ހޮޅިތަކުގެ ސަބަބުން ކަމަށް ޑޮކްޓަރުން ބުނާކަމުގަ އެވެ.

މަންޑޭލާގެ ފުއްޕާމޭގައި ހެދިފައިވާ ފެންތައް ބޭރުކުރުމަށް އޭނާގެ ހަށިގަނޑުގެ އެތެރެއަށް ހޮޅިތަކެއް ލައްވައިގެން ޑޮކްޓަރުން މަސައްކަތް ކުރަމުން ގެންދަވާ ކަމަށް ވެސް ވިނީ ވިދާޅުވި އެވެ. މަންޑޭލާގެ ފުއްޕާމޭގައި ހެދިފައިވާ ފެންތައް ބޭރުކުރުމަށް މިހާރު ލައްވާފައިވާ ހޮޅިތައް ނެގުމުން ވާހަކަ ދެއްކުމުގެ ގާބިލްކަން މަންޑޭލާއަށް ލިބޭނެ ކަމުގެ އުންމީދު ޑޮކްޓަރުން ދީފައި ވީނަމަވެސް މަންޑޭލާގެ ސިއްޙީ ޙާލުކޮޅާމެދު ކަންބޮޑުވާކަމަށްވިނީ ވިދާޅުވި އެވެ.

ދެކުނު އެފްރިކާގައި ދޮންމީހުން ގާއިމްކުރި ނަސްލީ އިމްތިޔާޒުގެ ނިޒާމް ނައްތާލެއްވުމަށް ކުރެއްވި މަސައްކަތުގައި މަންޑޭލާ 27 އަހަރު ޖަލުގައި ހޭދަކުރެއްވި އެވެ. އަދި މަންޑޭލާގެ ހިއްވަރުން އެނިޒާމް ނައްތާލައްވައި އެގައުމުގެ ރައްޔިތުންނަށް މިނިވަންކަން ހޯއްދަވައި ދެއްވުމުގެ ސަބަބުން ދެކުނު އެފްރިކާގައި މަންޑޭލާ ސިފަކުރެވެނީ ގައުމީ އެންމެ ބޮޑު ބަތަލުގެ ގޮތުގަ އެވެ.
އުމުރުން 95 އަހަރުގެ މަންޑޭލާ އަށް ކުރިމަތިވަމުންދާ ސިއްޙީ މައްސަލަތައް އިތުރުވުމުގެ ސަބަބުން މިއަހަރު ތިން ފަހަރެއްގެ މަތިން އޭނާ ހޮސްޕިޓަލުގައި އެނދުމަތިކޮށް ފަރުވާދީފައިވެ އެވެ. (ރޮއިޓާސް)