18 Nov 2013, 09:28
މޮސްކޯ (ނޮވެމްބަރު 18): ރަޝިޔާގެ ފަސިންޖަރު މަތިންދާބޯޓެއް އިއްޔެ ވެއްޓި އެއިން ދަތުރުކުރި 50 މީހުން މަރުވެއްޖެ އެވެ.
ރަޝިޔާގެ ކުއްލި ޙާލަތާ ބެހޭ ވުޒާރާއާ ޙަވާލާދީ އިޓަރ ޓާސް ނޫސް އެޖެންސީ ޚަބަރުދޭ ގޮތުގައި ވެއްޓިފައި ވަނީ ރަޝިޔާގެ އެތެރޭގެ އުދުހުންތަކާ ބެހޭ އެއަލައިންގެ ބޮއިން 737 މަރުކާގެ މަތިންދާބޯޓެކެވެ. އެބޯޓު ވެއްޓިފައި ވަނީ މޮސްކޯ އިން ތަތަރިސްތާނަށް ކުރި ދަތުރެއްގައި ތަތަރިސްތާންގެ ގަޒާންގެ އެއަރޕޯޓަށް ޖެއްސުމުގެ ތެރޭގަ އެވެ.
ގަޒާންއަކީ މޮސްކޯގެ އިރުމަތިން 720 ކިލޯމީޓަރު ދުރުގައިވާ ރަށެކެވެ. އެއީ ރަޝިޔާގެ އިއްތިޙާދުގެ ޖުމްހޫރިއްޔާއެއް ކަމަށްވާ ތަތަރިސްތާނުގެ ވެރިރަށެވެ. ރަޝިޔާގެ ވައިގެ ދަތުރުފަތުރާ ބެހޭ ފެޑްރަލް އިދާރާ ބުނާގޮތުން މި ބޯޓު ހަލާކުވީ ގަޒާންގެ އެއަރޕޯޓަށް ތިރިކުރުމުގެ ތެރޭގައި ބޯޓުގެ ކުރީކޮޅު ބިމުގައި ޖެހުމުގެ ސަބަބުންނެވެ. މިބޯޓު ޖެއްސި ވަގުތު މޫސުން ވެސް ގޯސްނޫންކަމަށް ޚަބަރު ލިބެއެވެ. ރަޝިޔާގެ ވައިގެ ދަތުރުފަތުރާބެހޭ ފެޑްރަލް އިދާރާއިންވަނީ 50 މީހުން މަރުވި މިހާދިސާ ތަހްގީގްކުރަމުން ގެންދާކަން ހާމަކޮށްފަ އެވެ. އެބޯޓު ވެއްޓުމުގެ ޙާދިސާގައި މަރުވި 50 މީހުންގެ ތެރޭގައި އެބޯޓުގެ ފަޅުވެރިން ވެސް ހިމެނޭކަމަށް ޚަބަރުލިބެ އެވެ. (ރޮއިޓާސް)