ފުލުހުންގެ މުއައްސަސާ ތަރައްގީކޮށް ކުރި އެރުވުމަށް ސަރުކާރުން ކޮށްދެވެން ހުރި ކަންތައް ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު އެހެން ވިދާޅުވީ އިސްކަންދަރު ބިލްޑިންގައި ފުލުހުންގެ އިސް އޮފިސަރުންނާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ. ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ރައީސް ޔާމިން ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ޝަރަފުވެރި މުއައްސަސާއެއް ނަމަވެސް ގާނޫނު ތަންފީޒު ކުރުމުގެ ފުރަތަމަ މަރުޙަލާގެ މަސައްކަތުގައި ހަރަކާތްތެރިވާއިރު ރައްޔިތުންގެ ހިތްހަމަނުޖެހުމާއި ނަފްރަތު ލިބުމަކީ ވެގެންވާނެ ކަމެއް ކަމަށް ކޮންމެ ފުލުހަކު ވެސް ގަބޫލުކުރައްވަން ޖެހޭނެ ކަމަށެވެ. އެހެނަމަވެސް ފުލުހުންނަކީ ރައްޔިތުން ފަޚުރުވެރިވާ ބައެއްކަން ގަބޫލުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

ފުލުހުންގެ އެންމެ އިސް މެނޭޖުމަންޓް ބޯޑުގެ ބައްދަލުވުމުގައި ކޮންމެ ފުލުހަކުވެސް ޤާނޫނާ އެއްގޮތަށް މަސައްކަތްކޮށްދެއްވުމަށް ރައީސް ޔާމިން އެދިވަޑައިގެންނެވި ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުންގެ ސުލޫކާއި ރީތީ އަޚްލާޤް އަބަދު ވެސް ދައްކައި ރައްޔިތުންނަށް ނަމޫނާ ބަޔަކަށް ފުލުހުން ވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށެވެ.

ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤު ކުރުން މިހާރަށްވުރެ އަވަސްކޮށް ހަލުވި ކަމާއެކު ކުރިޔަށް ގެންގޮސްދެއްވައި ޒުވާނުން ވަޒީފާތަކަށް ނުކުތުމަށް ބޭނުންވާ ކުށުގެ ރެކޯޑުގެ ކަންތައް ވީ އެންމެ އަވަހަކަށް ނިމޭތޯ މަސައްކަތް ކޮށްދެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ފުލުހުން މަސައްކަތް ކޮށްފައި ވަނީ ވަރަށް ޗެލެންޖިންގް އެންވަޔަރަމަންޓެއްގައި ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެހެން ނަމަވެސް ފުލުހުން މަސައްކަތް ކޮށްފައި ވަނީ ކުރިމަތިވި ގޮންޖެހުންތަކަށް ވަރަށް ރަނގަޅަށް ތައްޔާރުވެ ކެތްތެރިކަން އިސްކޮށްގެން ކަމަށް ވެސް ޤަބޫލު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ ފުލުހުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރު ކުރުމަށް ސަރުކާރުން ކޮށްދެއްވެންހުރި މަސައްކަތްތައް ކޮށްދެއްވާނެ ކަމަށާއި ފުލުހުންނަށް ބޭނުންވާ ވަޞީލަތްތައް ޤާއިމްކޮށްދީ ފުލުހުންނަށް ދެވޭ ޙަމަލާތަކަށް ދެވޭ އަދަބުތައް އިތުރަށް މުރާޖިޢާ ކޮށްދެއްވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވަނީ ދިވެހި ފުލުހުންގެ ކިބައިން ރައީސް އާއި ނައިބު ރައީސް އެދިވަޑައިގެންނެވި ކަންކަން ފުރިހަމަކޮށްދިނުމުގައި ދިވެހި ފުލުހުން ސާބިތު ކަމާއެކު ދެމިތިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފަ އެވެ.

ރިޔާޒު ވިދާޅުވީ ސަރުކާރަށް ފުރިހަމަ އެއްބާރުލުންދީ ގައުމުގައި ހަމަޖެހުމާއި ސުލްޙަ މަސަލަސްކަން ޤާއިމް ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި ދެމިތިބޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވާކަމަށެވެ.

މީގެ އިތުރުން އޭނާ ވަނީ ފުލުހުން މަސައްކަތްތައް ކުރުމުގައި ހުރި ބޮޑެތި ދަތިތައް ރައީސުލްޖުމުހޫރިއްޔާ އާއި ނައިބު ރައީސާއި ހިއްސާ ކުރައްވާފަ އެވެ. ޚާއްސަ ގޮތެއްގައި އަތޮޅުތަކުގައި ފުލުހުން އުޅެމުންދާ ދަތިހާލު ބަޔާންކޮށްދެއްވައި އެކަންކަން ރައީސުލްޖުމުހޫރިއްޔާގެ ސަމާލުކަމަށް ގެންނެވި އެވެ.

ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ ފުލުހުންގެ ޚިދުމަތް މުޅި ރާއްޖޭގައި ޤާއިމް ކުރުމަށް ރަށް ރަށުގެ ކައުންސިލްތަކުން އެދެމުންދާ ކަމަށާއި އެހެން ނަމަވެސް ބަޖެޓުގެ ދަތިކަމާއި މުވައްޒަފުން މަދުވުމުން އެކަންކަން ނުކުރެވި ހުރި ކަމަށެވެ. އެ ކަމަށް ސަރުކާރުން ވިސްނާވަޑައިގެންދެއްވުމަށް ހުސައިން ވަހީދު އެދިވަޑައިގަތެވެ.

މިރޭ ބޭއްވި ބައްދަލުވުމުގައި ފުލުހުންގެ މެނޭޖްމަންޓް ބޯޑުގެ މެމްބަރުންގެ ތެރޭގައި ހިމެނޭ ޑިވިޝަން ކޮމާންޑަރުން ވީޑިއޯ ކޮންފަރެންސްގެ އެހީގައި ބައިވެރިވެ ރައީސުލްޖުމުހޫރިއްޔާއަށް އެބޭފުޅެއްގެ މަސައްކަތުގެ ދާއިރާގެ ތައާރަފެއް އެރުވި އެވެ.