17 Nov 2013, 20:35
މިނިސްޓަރު ކަމަށް ފަސް ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޓްރާންސްޕޯޓް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހީމެވެ.
ޓޫރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ޕީޕީއެމްގެ ނާއިބް ރައީސް އަހްމަދު އަދީބު އަބްދުލްޣަފޫރު އެވެ.
ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމެވެ.
ފޮރިން މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ ދުންޔާ މައުމޫނެވެ. އަދި ފިނޭންސް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި ވަނީ އަބްދުﷲ ޖިހާދު އެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ފަސް ބޭފުޅުންނަށް މިނިސްޓަރު ކަމުގެ ހުވާ ލައިދެއްވީ އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން އެވެ. ހުވާކުރެއްވުމަށް ފަހު އެ ފަސް ބޭފުޅުން ވަނީ ވަޒީރުކަމުގެ އިގްރާރުގައި ސޮއިކުރައްވާފަ އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި މިރޭ މިނިސްޓަރުން އައްޔަން ކުރައްވާފައި ވަނީ މިވަގުތަށް ކޮންމެހެން ބޭނުންވާ މިނިސްޓްރީތަކަށް ކަމުގައި ވިދާޅުވި އެވެ.
މިހާރު ގައުމު މިއޮތް ހާލަތުން ރަނގަޅު ހާލަތަކަށް ގެންދިޔުމަށް ހުރިހާ މިނިސްޓަރުން ވެސް ސަރުކާރަށް އެއްބާރުލުމާ އެހީތެރިކަން ދެއްވުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފަ އެވެ.
މިރޭ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި ބޭފުޅުންގެ ތެރެއިން އަބްދުﷲ ޖިހާދާއި އަމީން އިބްރާހީމާއި މުހައްމަދު ނާޒިމާއި އަދި އަހްމަދު އަދީބަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ނިމިގެންދިޔަ އިރު ވެސް މިނިސްޓަރު ކަމުގައި ތިއްބެވި ބޭފުޅުންނެވެ.
އެބޭފުޅުންގެ ތެރެއިން ދުންޔާ މައުމޫނަކީ ރައީސް ވަހީދުގެ ސަރުކާރުގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.