ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގުރޫޕް (ސީމެގު) ގެ ރަސްމީ އެޖެންޑާއިން ރާއްޖެ ނަގައިފި އެވެ.
ސީމެގްގެ އެޖެންޑާއިން ރާއްޖެ ނަގާފައި ވަނީ މިއަދު އަލަށް އިންތިހާބުކުރެވުނު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުގެ ހުވާ ކުރެއްވުމާ ގުޅިގެން ނެވެ.

ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ދެވަނަ ފަހަރަށް ހިމަނާފައި ވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށްވެސް އާ ރައީސުލްޖުމްހޫރިއްޔާއެއް އިންތިހާބުނުކުރެވުމާ ގުޅިގެން، އާ ރައީސުލްޖުމްހޫރިއްޔާއެއް އިންތިހާބުކޮށް، މަގާމުގެ ހުވާކުރެވެންދެން، އެޖެންޑާގައި ރާއްޖެ އޮންނަ ގޮތަށެވެ.

މީގެ ކުރިންވެސް ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހު ވެރިކަން ބަދަލުކުރެވުނު ގޮތާ ގުޅިގެން ސީމެގުގެ ރަސްމީ އެޖެންޑާގައި ރާއްޖެ ހިމަނާފައިވެ އެވެ. ނަމަވެސް އޭގެ ފަހުން ވެރިކަން ބަދަލުވި ގޮތް ތަހުގީގުކޮށް، އެކަން ހިނގީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލައިގެން ނޫން ކަން ސާބިތުވުމުން، ސީމެގުން ވަނީ އެގުރޫޕްގެ އެޖެންޑާއިން ރާއްޖެ ނަގާފަ އެވެ.

މިއަދު ހުވާކުރެއްވުމާއެކު، ރައީސް ޔާމީނާއި އެމަނިކުފާނުގެ ނައިބު ޑރ. މުހައްމަދު ޖަމީލް ވަނީ ވެރިކަމުގެ ޒިންމާތަކާ ރަސްމީކޮށް ހަވާލުވެވަޑައިގެންފަ އެވެ.