އާ ރައީސުލްޖުމްހޫރިއްޔާ ހުވާކުރެއްވުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގަށް ދައުވަތު ނުދެއްވުނީ، ފުއާދު ފޯނު ނުނެންގެވުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދަކީ އިންތިހާބުގެ ކަންކަމުގައި ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި ބޭފުޅެއް ކަމަށާއި އާ ރައީސް ހުވާކުރެއްވުމަށް މިއަދު ބޭއްވި ޖަލްސާގައި ފުއާދު ބައިވެރިވެވަޑައި ނުގަތުމަކީ ޖަލްސާއަށް ލިބުނު "ބޮޑު ފަޅުކަމެއް" ކަމަށެވެ.

ނަމަވެސް އިންތިހާބުގެ ދާއިމީ ނަތީޖާތައް އިއުލާންކުރުމަށް ފަހު، ހުވާކުރުމުގެ ރަސްމިއްޔާތަށް ތައްޔާރުވުމަށް ލިބުނީ ކުޑަ ވަގުތުކޮޅެއް ކަމަށާއި އެވަގުތުކޮޅުގެ ތެރޭގައި ސަރުކާރުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ބަޔަކަށް ދައުވަތު ދީފައި ވާނީ ފޯނު މެދުވެރިކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެ އެވެ.

"މަޖިލީހުގެ އިދާރާއިން އިލެކްޝަންސް ކޮމިޝަންގެ ރައީސަށް ގުޅުއްވުމަށް ތަކުރާރުކޮށް ރެއާއި މިއަދުވެސް މަސައްކަތްކޮށްފައިވޭ. ނަމަވެސް އެމަނިކުފާނަށް ގުޅޭ ގޮތް ނުވުމުން އެމަނިކުފާނަށް ދައުވަތު އެރުވޭ ގޮތް ވަނީ ނުވެފައި،" ރައްޔިތުންގެ މަޖިލީހުގެ ބަޔާނުގައިވެ އެވެ.

މިމައްސަލާގައި ރައްޔިތުންގެ މަޖިލީހުން ބަޔާނެއް ނެރެފައި ވަނީ ފުއާދު ތައުފީގުގެ ޓުވިޓާ އެކައުންޓުން ކުރެއްވި ޓުވީޓަކާއި ގުޅިގެން ނެވެ. މިޓްވީޓްގައި ފުއާދު ވިދާޅުވެފައި ވަނީ ބައެއް ބޭފުޅުންގެ ހަނދާން ވަރަށް ބަލި ކަމަށާއި، ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ދައުވަތު އަރުވާފައިނުވާތީވެ ހިތާމަކުރައްވާ ކަމަށެވެ.