17 Nov 2013, 16:55
އާ ރައީސް ހުވާ ކުރުމުގެ ރަސްމިއްޔާތު ހާއްސަވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމާ ހަވާލުވެވަޑައިގަތުމަކުން ނޫނެވެ. ހަމަނުޖެހުމާއި އުފަލާއި ހިތާމާގައި އެއްބަޔަކު ތިއްބައި، އެކަމުގެ "މެދުވެރިން"ހުވާ ކުރުމުގެ ރަސްމިއްޔާތަށް އެއްވުމުންނެވެ. ސިޔާސީ ހަތުރުން، މިތުރުންގެ ގޮތުގައި ހިނިތުންވުމާ އެކު ފެނުމުން އެ ޖަލްސާ ހާއްސަވެ އެވެ. ފަސް އަހަރާއި 20 ދުވަސް ފަހުން ކުރީގެ ރައީސް މައުމޫންއަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު "އެއްތަންވީ" މިއަދު ދަރުބާރުގޭގައި ބޭއްވި މަޖިލީހުގެ ޖަލްސާއަށެވެ.
ދެ ރައީސުން މީޑިއާގެ ހާޒިރުގައި އެންމެ ފަހުން ބައްދަލުވީ ވެސް ރިޔާސީ ދައުރު ބަދަލުވުމުގެ ތެރެއިންނެވެ. އޮކްޓޫބަރު 28، 2008ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ނާކާމިޔާބީ ރައީސް މައުމޫން ގަބޫލުފުޅު ކުރައްވައި، ޖެހިގެން އައި ދުވަހު ހެނދުނު 9:15ގައި ރައީސް އޮފީހުގައި ރައީސް ނަޝީދާ ބައްދަލު ކުރެއްވި އެވެ. ނޫސްވެރިންގެ ކުރިފުޅުމަތީގައި އެ ދެ ރައީސުން ދެއްކެވި ނަމޫނާ އިން އެ ދުވަހު ގައުމު އޮތީ "ހެވިފަ" އެވެ. އޭރު ވިހަ ވަމުން ދިޔަ ސިޔާސީ ކޯޅުންގަނޑު "މައިތިރި" ކުރީ ނަޝީދާއި މައުމޫނެވެ.
http://www.sun.mv/albums/l_21347.jpg
ނޮވެމްބަރު 11، 2008ގައި ރައީސް ނަޝީދު ވެރިކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތަކަށް ރައީސް މައުމޫން ބައިވެރިވެވަޑައި ނުގަންނަވަ އެވެ. އެ ދުވަހު ގިނަ ބަޔެއްގެ އުންމީދަކަށްވީ ސިޔާސީ ޕާޓީތައް ވާދަކޮށްގެން ރާއްޖޭގެ ފުރަތަ އިންތިހާބީ ރައީސްގެ އުފަލުގައި މައުމޫން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އެ ދުވަހު އުންމީދު މިއަދު ހަގީގަތަކަށް ވެއްޖެ އެވެ. ނަމަވެސް މަންޒަރުން ރައީސް ޑރ. މުހައްމަދު ވަހީދު ފެނުނު ނަމަ އަދި މާނަލަވީހެވެ.
http://www.sun.mv/albums/l_21348.jpg
ރައީސް މައުމޫން އާއި ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި ހަފްލާ ރާއްޖޭގެ ހުރިހާ ޓީވީތަކަކުން ދުރަށް ފޮނުވަންފެށުމާ އެކު ސޯޝަލް މީޑިއާގައި އެންމެ ބާރު މިނުގައި ފެތުރެން ފެށީ ދެ ރައީސުންގެ އެ ނަމާނޫ އަށް ޝުކުރުގެ ބަސްތަކެވެ. މީޑިއާތަކުގެ ކެމެރާތަކުގެ ލެންސުތައް އަމާޒުވީ ވެސް އެ ދެ ބޭފުޅުންގެ ސަކަ މިޒާޖަށެވެ. ރަސްމިއްޔާތު ފެށުމާ އެކު ވެސް 15 ވަރަކަށް މިނިޓަށް ހުއްޓުމެއް ނެތި އެ ދެބޭފުޅުންގެ ފޮޓޯ ނަންގަވަން ފެށުމުން ރައީސް ނަޝީދު ވިދާޅުވީ އެވެ.
"ތިޔަ ބޭފުޅުން މިކަންތައް އަދިވެސް ނުނިމެނީތަ،"
ނަޝީދު އެހެން ވިދާޅުވުމާ އެކު މައުމޫން ވިދާޅުވީ މިހެންނެވެ. "މި ބޭފުޅުން އަދިވެސް އަޅުގަނޑުމެން ދޫކޮށްލައްވަން ނޫޅުއްވަނީ ކަންނޭގެ" އެވެ.
މީޑިއާގެ ހާޒިރުގައި ޖެހިޖެހިގެން ދެ ބޭފުޅުން ގޮނޑީގައި ތިއްބަވައިގެން ވެސް އެއްބޭފުޅަކު އަނެއް ބޭފުޅާއާ ވާހަކަފުޅު ދެއްކެވީ އިނގިރޭސީ ބަހުންނެވެ. ދެއްކެވީ އާއިލީ ވާހަކަފުޅެ އެވެ. ނަޝީދުގެ ދޮށީ ދަރިފުޅު މިއަހަރު އޯލެވެލް ނިންމި ވާހަކަ މައުމޫން ހިއްސާކޮށް ސަމާސާ ކުރެއްވި އެވެ.
އުންމީދަކީ ގައުމު ދެ ބައިވެފައިވާ ފިކުރުގެ ދެ ވެރިން ސިޔާސީ އެންމެ ބޮޑު ކިއްލާ، މަޖިލީހުގެ ޖަލްސާގައި ދެއްކެވި ނަމޫނާއާ އެއްގޮތަށް ސިޔާސީ ވެށި ޑިމޮކްރަސީއަށް ފައްކާވެ، ގައުމު ހަމަޖެހުމެވެ.
http://www.sun.mv/albums/l_21349.jpg